ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމަށް އެރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާޢޫދު އަދި ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަޙްމަދު އުރަފާއެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ޑިޒައިނިންގ އަދި އިންޖިނިއަރިންގ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، މި މަޝްރޫޢަކީ މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދައިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މި ފަށަނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއްް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް. މިއީ ބޯހިޔާވަހިކަން މިިލްކު ކުރުމަށް ކުޅުދުއްފުށި ރައްޔިތުން ކުރަމުން އައި އުންމީދު ޙަޤީޤަތަކަށް ވާ ދުވަސް." ޒުހައިރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާނެއެވެ. އަދި އިމާރާތް ކުރާ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަންތަނެވެ. މީގެ ތެރޭގައި މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ، 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަސައްކަތް ވަނީ، ވަކި ހިސާބަކުން ހުއްޓިފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި މި މަސައްކަތް އެޗްޑީސީއާ ޙަވާލުކޮށް، އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މިއާއެކު، މި މަސައްކަތްތައް ވެގެންދާނީ، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.