ޚަބަރު

މަޝްރޫޢުތައް ހަލުއިކުރުމަށް ގިނަ ޢަދަދެއްގެ މެޝިނަރީ ގެނެސްފި


  • ބަރު އުޅަނދުތައް ހިމެނޭހެން 230 މެޝިނަރީއެއް ވަނީ ގެނެސްފައި

ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދުވެލި ޙަލުވިކޮށް އެއްފަހަރާ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް، ބޭނުންވާ ގިނަ ޢަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފިއެވެ.

މި ތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކުރުމަށާއި އެތަކެތި އިފްތިތާހް ކުރުމަށް ތިލަފުށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިއަހަރަށް އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތައްތަކެއް މިއަހަރު އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަމަށް ވިދާޅުވެފައެވެ. ގިނަ ޢަދަދެއްގެ މެޝިނަރީ ގެންނަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން، ޗައިނާގެ އެކްސް.ސީ.އެމް.ޖީއާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ވަނީ އެއްފަހަރާ ގިނަ މަޝްރޫޢުތައް ފަށަން ބޭނުންވާ 230 މެޝިނަރީ ރާއްޖެ ގެނެސްފައެވެ.

މި މެޝިނަރީތައް ރާއްޖެ ގެނައުމުގެ އިތުރުން މި މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ އެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އާރްޑީސީން ވިދާޅުވެއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ މިހާރު ގެނެސްފައުވާ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެކަމަށެވެ. ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށުމަށްވެސް ވަނީ ނިންމާފައެވެ. މިއާއެކު ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ހަމަޖެހިފަވާއިރު، ޢަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް އަންނަނި ހިންގަމުންނެވެ. އެގޮތުން ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމުގައި ލަފާފުރުމުގެ މައްސަލަތައް ޙައްލުކުރުމުގެ މަޝްރޫޢުތަކާއި މަގު ހެދުމާއި ބިންހިއްކުމާއި އަދިވެސް މުހިންމު ދާއިރާތަކުން ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.