ޚަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅިރާއްޖެ ގުޅާލުމުގެ މަސައްކަތް ޖޫންމަހަށް ނިންމަނީ


  • ލޯންޗްތައް ބަނުމުގެ މަސައްކަތް ދަނީ ކުރަމުން

  • ރޫޓް މެޕްތަކާއި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެއަށް ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އާރްޓީއެލް ފެރީގެ ޚިދުމަތް މިހާތަނަށް 15 އަތޮޅެއްގައި ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ އާރްޓީއެލް ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި ފެށުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ޒޯން 3ގައި ހިމެނޭ 4 އަތޮޅުގައި ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި މިމަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އާރްޓީއެލް ނުފަށާ އޮތް ކ، އދ، އއ، ވ، އަތޮޅުގައި މި ޚިދުމަތް ފެށުމުން މުޅި ރާއްޖެ ގުޅާލެވޭނެކަމަށާއި އެކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތާއި ރޫޓް މެޕްތަކާއި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޔާސިރު ވިދާޅުވީ ޖޫން މަހުގެ ތެރޭގައި މުޅި ރާއްޖޭގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"ފެރީތައް ބަނުމުގައި ލަސްކަމެއް އައިސްފައިވޭ. ވަރަށް ގިނަ ރޯމެޓީރިއަލްސް ގެންނަން މި ޖެހެނީ މެދުއިރުމަތީ ޤައުމުތަކުން. ދަތުރުފަތުގެ މިއައި ލޮޅުމުގެ ސަބަބުން ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް އެބަހުރި. ޝެޑިއުލިން ފަހަތަށް ޖެހުމުގެ ފުރުޞަތު އެބައޮތް. ކޮންޓްރެކްޓަރާ ވަހާކަދައްކައިގެން އަވަސްކުރުމަށް މި ދަނީ މަސައްކަތް ކުރަމުން" ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތުގައި މިހާރުވެސް 35 ލޯންޗް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި އިތުރަށް 12 ލޯންޗް ދަނީ ބަންނަމުންނެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށް ފަހު ދެން މަސައްކަތް ފަށާނީ އެއް އަތޮޅުން އަނެއް އަތޮޅާ ގުޅުވާލުމުގެ މަސައްކަތެވެ. އެކަމަށް އިތުރަށް ލޯންޗް ބޭނުންވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި ޒޯންތައް ގުޅާލުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.

އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަދު ފެށި ޚިދުމަތާއެކު މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.