ތަރައްްޤީ

ލ.ބޮޑު މަގު ހުޅުވުމުގެ ކުރިން، ފެންވަރު ބެލުމުގެ ސަރވޭ ފަށައިފި


ލ.އަތޮޅުގެ 17 ކިލޯ މީޓަރުގެ ދިގު މަގު، ނުވަތަ ހައްދުންމަތީ ބޮޑު މަގަކީ، އަތޮޅުތަކުގައި ކުރިއަށްގެންދަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 30 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

ހައްދުންމަތީ ބޮޑު މަގުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ، މަގު ހެދުމުގެ ދާއިރާގައި ޗައިނާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނިކަމަށްވާ ޖިއާންގޒޫ ޕްރޮވިންޝަލް ޓްރާންސްޕޮޓޭޝަން އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ މެއިމަހުގެ ނިޔަލަށް ވަނީ ނިމިފައެވެ.

img:http://s2.psmnews.mv/images/660x400/14674776177405.jpg|ހައްދުންމަތީ ބޮޑު މަގު- ފޮޓޯ: ހައުސިންގ މިނިސްޓްރީ

މަގު މަޝްރޫޢާ ގުޅުވައިގެން، ގަމުގެ ޙަމަދު ސްކޫލަށްދާން އޮންނަ މަގާއި، އިހައްދޫ ސްކޫލް ހިމެނޭ ސަރަޙައްދާއި، އަދި ގަމު މުކުރިމަގު އަވަށު ބަނދަރު މަގުގައިވެސް ވަނީ ތާރު އަޅާފައެވެ. ތާރު އެޅުމަށްފަހު މަގު ފުރިހަމަ ކުރުމަށްޓަކައި، ޓްރެފިކް ނިޝާންތައް ހަރުކުރުމާއި، ޓްރެފިކް ކުރެހުންތަކާއި، މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ހައުސިން މިނިސްޓްރީން ތައްޔާރުވަމުން ގެންދަވަނީ މަގުގެ މެދުބައިގައި މާގަސް ހެއްދުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯއްދެވުމުގެ މަސައްކަތެވެ.

ލ.އަތޮޅު ކައުންސިލުން ވިދާޅުވީ މަގު ހުޅުވުމުގެ ކުރިން، މަގުގެ މަސައްކަތުގެ ފެންވަރު ބެއްލެވުމަށްޓަކައި ހައުސިން މިނިސްޓްރީގެ އިންޖިނިއަރިންގ ޓީމެއް ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ އެ ޓީމުން، މަސައްކަތުގެ ފެންވަރާއި، މަސައްކަތް ފުރިހަމަ ވެފައިވާ މިންވަރާއި، އަދިވެސް އިންޖިނިއަރިންގއާ ގުޅޭ ބެލުންތައް ބެއްލެވުމަށްފަހު ރިޕޯޓެއް އެކުލަވާލައްވާނެ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14674775722347.jpg|ހައްދުންމަތީ ބޮޑު މަގުގެ މަސައްކަތް ކުރިއަށްދަނީ- ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ

ލ.އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް ޢާމިރު ވިދާޅުވި ގޮތުގައި، އެކައުންސިލުން މިހާރު އެންމެ އިސްކަމެއް ދެއްވާފައިވަނީ، މަގު ބޭނުން ކުރުމުގެ އުޞޫލެއް އެކުލަވާލެއްވުމަށެވެ. އަދި، އެ އުޞޫލު އެކުލަވާލައްވަނީ ގަމާއި، ފޮނަދޫގެ ކައުންސިލްތަކާއި، ފުލުހުންނާ ގުޅިވަޑައިގެން ކަމަށާއި، މަގު ހުޅުވުމުގެ ކުރިން އުޞޫލު އާންމުކުރައްވާނެކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވަނީ، މަގު ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް އަވަހަށް ބޭއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި މަގު ހުޅުވުމަށް ލ.އަތޮޅުގައި ބާއްވަވާ ރަސްމިއްޔާތަކީ ލ.އަތޮޅުގައި މިހާތަނަށް ބާއްވަވާ އެންމެ ކުލަގަދަ އެއް ރަސްމިއްޔާތަށް ވެގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.