ޚަބަރު

"ގޮންޖެހުން ބޮޑު، އެކަމަކު ކާމިޔާބު މުބާރާތެއް"


  • މިމުބާރާތުގެ ސަބަބުން އެފްއޭއެމް މިހާރު އޮތް ހާލަަތު ދެނެގަނެވިއްޖެ

  • އިންތިޒާމުތަކާމެދު ޓީމުތަކުން ހިތްހަމަޖެހޭކަމަށް ޒަރީރު ފާހަގަކުރެއްވި

ނިމިގެން މިދިޔަ 20 އަހަރުންދަށުގެ ސާފް ޗެންޕިއަންޝިޕް ކުރިއަށް ގެންދިއުމުގައި ދިމާވި ގިނަ ދަތިތަކާއިއެކުވެސް މުބާރާތް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާއި އެކުކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓެރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ މުބާރާތެއް ހޯސްޓްކުރަން ލިބުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބިގެން ދިޔަ އުންމީދެއްކަމަށެވެ.

މިއީ ރާއްޖޭގައި ބޭއްވުނު އުމުރުފުރާގެ ފުރަތަމަ މުބާރާތަށްވާއިރު، މުބާރާތުގެ އިންތިޒާމުތަކާއި ކަންކަން ދިޔައީ ހިތްހަމަޖެހޭފަދަ ގޮތަކަށްކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. އަދި މިމުބާރާތުގައި ހަތް ގައުމުން ވާދަކޮށްފައިވާއިރު، ޓީމުތަކުގެ އެކަމަޑޭޝަންފަދަ ކަންކަން ދިޔައީ އޮމާންކަމާއިއެކުކަމަށް ޒަރީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް އައި ހީނަރުކަމާއިއެކު ފުޓުބޯޅަ ދަނޑުތަކާއި ވަސީލަތްތަކަށް ފަނޑުކަމެއް އައިސްފައިވާއިރު ވަކިން ޚާއްސަގޮތެއްގައި ކުޅުންތެރިންގެ ފަރިތަކުރުންތައް ބާއްވަމުން އަންނަ ދަނޑުތަކުގެ ހާލަތުވަނީ އިންތިހާއަށް ގޯސްވެފައެވެ. މިކަމަކީ މުބާރާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުންކަމަށް ޒަރީރު ހާމަކުރެއްވިއެވެ.

ދަނޑުތަކުގެ ހާލަތުގެ ސަބަބުން ސަރަހައްދީ ގައުމުތަކުން އައި ޓީމުތަކުގެ ޝަކުވާ އައިކަމަށް ޒަރީރު ވިދާޅުވިއެވެ. މިދަތިތަކާއިއެކުވެސް މިމުބާރާތުގެ ސަބަބުން އެފްއޭއެމް މިހާރު އޮތް ހިސާބު ދެނެގަންނަން ފަސޭހަވެއްޖެކަމަށާއި މިއީ ކާމިޔާބު މުބާރާތެއްކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.

"މިމުބާރާތުގައި ޓީމުތަކުގެ މެނޭޖަރުންނާއި އެކުވެސް ދިޔަ ބައްދަލުވުމުގައި އަޅުގަނޑު ހައިލައިޓްކޮށްލިން މިމުބާރާތަކީ އެފްއޭއެމްއަށްވެސް މިހާރު ހުރި ހިސާބު ދަނެގަންނަން ލިބޭ ވަރަށް ބޮޑު ފުރުސަތެކޭ. އަޅުގަނޑު ގަބޫލުކުރަމޭ ވަރަށް ގިނަ ޗެލެންޖްސްތައް ކުރިކަމަށް. ޓްރޭނިންގކުރާނެ ދަނޑުތައް ނެތްކަމާއި، އެ ޝަކުވާ އަޅުގަނޑުމެންނަށް އައި ޓީމުތަކުން ޓާފް ދަނޑުގައި ޕްރެކްޓިސްކުރަންޖެހުމުން. އެހެން ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް" ޒަރީރު ވިދާޅުވިއެވެ.

ފަރިތަކުރުންތައް ބާއްވާނެ އެކަށީގެންވާ ދަނޑުތަކެއް ނެތުމުގެ ޝަކުވާ އައި ނަމަވެސް ޖުމްލަ ގޮތެއްގައި މުބާރާތުގެ އިންތިޒާމުތަކާއި މެދު ޓީމުތަކުން ހިތްހަމަޖެހުން ފާޅުކުރުކަމަށް ޒަރީރު ވިދާޅުވިއެވެ. ދެ ގްރޫޕަކުން ހަތް ޓީމެއް މިމުބާރާތުގައި ވާދަކޮށްފަވާއިރު ޓީމުތައް ކޭމްޕްކޮށްފައިވަނީ ބާސެލޯ ނަސަންދުރާގައެވެ.

ރާއްޖެއިން ޓީމުތަކަށް ލިބެމުންދާ ފުރިހަމަ މެހެމާންދާރީގެ ވާހަކައާއި ރާއްޖޭގެ ހިތްގައިމުކަމުގެ ވާހަކައަކީ މިމުބާރާތުގައި ވާދަކުރި ޓީމުތަކުގެ ކޯޗުންވެސް އުފަލާއެކު ފާހަގަކޮށްފައިވާ ކަންކަމެވެ.

"އެހެން ހުރިހާކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް. ޓީމުތަކުން އެ ހިތްހަމަޖެހުންވެސް ފާޅުކުރި. ހާއްސަކޮށް އެކަމަޑޭޝަން ކަންތައްތަކާއި ޓްރާންސްޕޯޓް ކަންތައްތަކަށް އެބޭފުޅުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު. މުބާރާތް ނިންމާލެވުނީ އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބުކަމާއެކު" ޒަރީރު ވިދާޅުވިއެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލު މެޗުވެގެންދިޔައީ މިމުބާރާތުގައި ފެނުނު އެންމެ ފޯރިގަދަ މެޗަށެވެ. ބަނގްލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި އިންޑިއާއާއި ބަނގްލަދޭޝް ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއެއް ނުނެރެވުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 4-3 އިން ކުރި ހޯދާ މުބާރާތުގެ ތަށި ހިއްލާލާފައިވަނީ ބަނގްލަދޭޝްއިންނެވެ. މިއީ މިމުބާރާތުގެ ޗެންޕިއަންކަން އެޓީމުން ހޯދި ދެވަނަ ފަހަރެވެ.