ޚަބަރު

އަމީނީ މަގުގެ ހުޅަނގަށްވީ ބައި ތާރުއަޅައިގެން އަލުން ތަރައްޤީކުރަނީ


  • 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން

  • މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން ތާރު އަޅާނެ

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްޤީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށްބޮޑަށް މަރާމާތު ކުރަންޖެހިފައިވާކަމަށެވެ. އެހެންކަމުން މަގުގެ މަރާމާތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ނަޒީމް ވިދާޅުވިއެވެ.

"މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ދެން އެއީ މާލޭގައި އަޅުގަނޑުމެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތެއް." އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ މަގު އަލުން މަރާމާތު ކުރާއިރު ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެކަމަށެވެ. އެގޮތުން އަލުން ތާރު އަޅާއިރު ރަނގަޅު ފެންވަރަކަށް ތާރު އަޅާނެކަމަށް ނަޒީމް ވިދާޅުވިއެވެ. ޚާއްސަކޮށް އެ ސަރަޙައްދުގައި ތާރު އެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އޭއާއެކު ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވިއެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.

އާރްޑީސީން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އިތުރުން އަތޮޅު ތެރޭގައިވެސް މަގު ހެދުމުގެ އެކި މަޝްރޫޢުތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިހާރު 255 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އެ ކުންފުނިން ހަވާލުވެފައިވާއިރު 125 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި އަންނަނީ ކުރަމުންނެވެ. އަދި 8 ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ވަނީ ތައްޔާރުވެފައެވެ.