ޚަބަރު

ވިލިފުއްޓާއި ތުޅާދޫގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


  • މި ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު

  • މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު މިހާރު ވަނީ އިތުރުކޮށްފައި

ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު މިއަދަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެ ވުޒާރާއިން މިހާރު މިވަނީ ހައުސިން ޔުނިޓްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާކަމަށެވެ. މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.

މި ދެ ރަށުގެ ތެރެއިން ތ. ވިލުފުށި 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 206 އެޕްލިކޭޝަން ލިބިފައިވާއިރު، ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި 347 އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ތުޅާދޫގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ދޫކުރުމުގެ މަސައްކަތް ފަށައި، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫޢުއެކެވެ. ކުރީގެ ސަރުކާރުގައި މި ޔުނިޓްތައް ހަވާލުކުރުމުގެ ޒިންމާ ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އެކުލަވާލި އުސޫލުތަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅި، އެ މަސައްކަތް ވަނީ ގާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.


ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ކުރި ހުކުމެއްގައި ވަނީ، ފްލެޓް ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ ގާނޫނާ ހިލާފު ބަދަލުތަކެއް ކަމަށެވެ. އެހެންކަމުން، ކުރިން އާންމުކުރި އުސޫލަށް އަމަލުކުރުމަށް ކޯޓުން އަމުރުކުރި ނަމަވެސް، އެކި މައްސަލަތަކާ ހުރެ މިހާތަނަށް އެ ތަންތަން ހަވާލުކުރެވިފައެއް ނުވެއެވެ.

މި މައްސަލަތައް ބޮޑުވެ، ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މުޅި މަސައްކަތްތަކާ އިމާރާތްކުރުމާބެހޭ ވުޒާރާއިން އަލުން ވަނީ ހަވާލުވެފައެވެ. ވުޒާރާއިން އޭރު ވިދާޅުވީ، މިހާރު މި ޔުނިޓްތައް ދޫކުރާނީ އަލަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށެވެ.

ވިލުފުށީގައި 100 ހައުސިން އެޅުމުގެ މަސައްކަތަކީ، 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި މަޝްރޫޢެކެވެ. ހައުސިންގ ޔުނިޓުތަކުގެ އިމާރާތްކުރާތްކުރުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އަދި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ވިއުގަ ގުޅާ، ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ ފެނަކައާއެކެވެ.