ރާއްޖެ ހަތަރު ރީޖަން އަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރީޖަނަލް ފުޓުބޯޅަ މުބާރާތްތަކުގެ ސެންޓްރަލް ރީޖަންގެ ޒޯން 1 ގެ ފައިނަލަށް، ހުރާ އަދި މަހިބަދޫ ދަތުރުކޮށްފިއެވެ.
7 ޕޮއިންޓާއެކު ގްރޫފް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި ހުރާ ފައިނަލަށް ދަތުރުކުރި އިރު، މަހިބަދޫއިން ފައިނަލަށް ދަތުރުކޮށްފައި ވަނީ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުގައި ދެން ކުޅެފައިވަނީ ހިންމަފުށީގެ އިތުރުން އއ.ތޮއްޑޫއެވެ. 4 ޕޮއިންޓާއެކު ހިންމަފުށި ގްރޫޕްގެ ތިންވަނައަށް ދިޔައިރު، ތޮއްޑޫއަށް މުބާރާތް ނިންމާލަން ޖެހުނީ ހުސްއަތާއެވެ.
ފައިނަލަށް ދަތުރުކުރި ދެޓީމު އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، ހުރާ ކުޅުނު ފަހު މެޗުގައި ހިންމަފުއްޓާ ވާދަކޮށް ދެޓީމު ވަނީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އަދި މަހިބަދޫގެ ފަހު މެޗުގައި ތޮއްޑޫ އަތުން އެޓީމު މޮޅުވެފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.
މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު، 16:00 ގައެވެ.
ސެންޓްރަލް ރީޖަންގެ ޒޯން 2 ގެ ކުޅުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް 1 ގައި ހިމެނިފައި ވަނީ ދ. މީދޫ، ވ. ކެޔޮދޫ އަދި މ. މުލަކެވެ. ގްރޫޕް 2 ގައި ހިމެނިފައިވަނީ މ. ވޭވައް، ފ. ނިލަންދޫ އަދި މ. ވޭވަކެވެ.
މި ގްރޫޕްތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް 1 ގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ގޮސްފައިވަނީ ދ. މީދޫ އެވެ. ގްރޫޕުގައި ވ. ކެޔޮދޫ އަދި މ. މުލައް ވާދަކުރި މެޗު އެއްވަރުވި ނަމަވެސް، ފައިދާ ގޯލުގެ ތަފާތުން މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައިވަނީ މުލަކެވެ.
ޒޯން 2 ގެ ގްރޫޕް 2 ގައި ހިމެނިފައި ވަނީ، މ. ވޭވައް، ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫއެވެ، ނަމަވެސް ވޭވަކުން މި މުބާރާތުގެ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މި ގުރޫޕުގައި ކުޅުނު ހަމައެކަނި މެޗުގައި ކުޑަހުވަދޫއިން ނިލަންދޫ ބަލިކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
މި ރީޖަންގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިމަހުގެ 24 އަދި 25 ގައެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 28 ގައެވެ.