ޚަބަރު

ށ.މިލަންދުއިން 11 ހެކްޓަރުގެ ބިން ހިއްކައިފި


  • މިމަޝްރޫޢުގެ ދަށުން 25.90 ހެކްޓަރުގެ ބިން ހިއްކާނެ

  • އެއާޕޯޓަކާއި އައު ބަނދަރެއް ތަރައްޤީ ކުރާނެ

ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

މިލަންދޫގެ ތަރައްޤީގެ މި މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

އާބާދީގައި 2700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ.މިލަންދޫގައި އެއާޕޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، އެމްއޭސީއެލްއާއެވެ.

މިމަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމްނިއުސްއާއި ހިއްސާ ކުރައްވަމުން އެމްއޭސީއެލްއިން ވިދާޅުވީ، މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއާއެކު ބިން ހިއްކުމުގެ މަޝްރޫޢުގެ ގާތްގަނޑަކަށް 42 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ، އެއްފަހަރާ 35000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ކުއީން އޮފް ދަ ނެދަލެންޑްސް ޑްރެޖަރު ބޭނުން ކޮށްގެންނެވެ.

މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްޤީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ޢަމަލީ މަސައްކަތް ފަށައި ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، އެއާޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާގައިވެސް ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުން ހިފޭނެ ގޮތަށް ބަލައިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެއާޕޯޓު އެޅުމަށްޓަކައި ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން އެއާޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށް ގެންދާއިރު، ރަށުގެ އެހެން ސަރަޙައްދަކުން ބަނދަރަށް ބޭނުންވާ ޖާގަ ހަމަޖެހި އެމަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.