ޚަބަރު

ދެވަނަ މެޗު ކާމިޔާބުކޮށް، މަޖީދިއްޔާ އެއްވަނައަށް


  • މަޖީދިއްޔާ މޮޅުވެފައި ވަނީ 1-4 އަކުން

  • ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ

  • ރެހެންދި ފަހަތަށް ޖައްސާލާ، މަޖީދިއްޔާ ގްރޫޕްގެ އެއްވަނައަށް ވަނީ ޖެހިލާފައި

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗު، މަޖީދިއްޔާ ސްކޫލުން ކާމިޔާބުކޮށްފިއެވެ. ހުޅުމާލޭ ސިންތެޓީކް ޓްރެކުގައި ކުޅުނު މި މެޗުގައި ރެހެންދި ސްކޫލް އަތުން މަޖީދިއްޔާ މޮޅުވެފައި ވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

ލިބުނު ޕެނަލްޓީއަކުން، މެޗުގެ 14 ވަނަ މިނެޓުގައި ރެހެންދި ސްކޫލުން ލީޑު ނެގިނަމަވެސް އޭގެ އެންމެ 4 ވަރަކަށް މިނެޓު ފަހުން މަޖީދިއްޔާ ސްކޫލުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމުން މި ގޯލު ކާމިޔާބުކޮށްފައި ވަނީ، އަމިއްލަ ހާފު ތެރެއިން ލިބުނު ހިލޭޖެހުމަކުން ނަގައިދިން ހުރަހަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޖީދިއްޔާއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ރެހެންދި ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މަޖީދިއްޔާ އިން މި ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ.

މިއާއެކު، ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމިގެންދިޔައީ، 2-1 ގެ ނަތީޖާއަކުން މަޖީދިއްޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެންދިޔައީ ދެ ޓީމުގެ ފަރާތުންވެސް އަވަސް، އެޓޭކިންގ ގޭމަކާއެކުއެވެ. ދެޓީމުންވެސް ދިޔައީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން، ރެހެންދި ސްކޫލުގެ މުޅި ޓީމު ކަހަލަ ގޮތަކަށް ކުރިއަށް އަރާ އޮތް ދަނޑިވަޅެއްގެ ފައިދާ ހިފައިގެން ދެވަނަ ހާފުގެ 8 ވަނަ މިނެޓުގައި އުފެއްދި ކައުންޓަރ-އެޓޭކެއްގައި މަޖީދިއްޔާއިން ވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހާފައެވެ. އެޓީމުގެ ފަހު ގޯލު ޖަހާފައި ވަނީ ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު، މަޖީދިއްޔާ މިވަނީ ފައިދާ ގޯލުގެ ތަފާތުން ގްރޫޕް 4 ގެ އެއްވަނައަށް ޖެހިލާފައެވެ. ރެހެންދި ސްކޫލް އޮތީ ދެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ހިރިޔާ ސްކޫލާއި އަމީނިއްޔާ ސްކޫލެވެ. ގްރޫޕް 4 ގެ މެޗެއް ދެން އޮންނާނީ މާދަމާއެވެ. ބައްދަލުކުރާނީ ހިރިޔާ ސްކޫލް އާއި އަމީނިއްޔާ ސްކޫލެވެ.