ވައިގެ ކޮލިޓީ ބެލުމަށް މާލޭ ސަރަހައްދުގައި މިއަހަރު ތެރޭގައި 4 ސްޓޭޝަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ ވައިގެ ކޮލިޓީ ދައްވުމާއި ދުންފުހުގެ އަސަރު މިފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން މިކަން އެންމެ އެދެވޭ ގޮތެއްގައި ބެލޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އެންވަޔަރަންމަންޓު މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުހައްމަދު ވިދާޅުވީ ރާއްޖޭގެ ވައިގެ ކޮލިޓީ ބެލުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގެ 7 ރަށެއްގައި އާންމުންނަށް، ވައިގެ ކޮލިޓީ ފޯނުން މިހާރު ބެލޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ. އެ 7 ރަށަކީ ވިލިނގިލި، ށ. ފުނަދޫ، ލ.ގަން، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ދ. ކުޑަހުވަދޫ، އަދި ކުޅުދުއްފުށިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރަނީ މާލެ ސަރަހައްދަށް ކަމުން މި ސަރަހައްދުގައި އެކަން ބެލުމަށް ޚާއްސަ މަސައްކަތެއް ކުރަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދުގައި މިއަހަރު ތެރޭގައި ވައިގެ ކޮލިޓީ ބެލުމަށް 4 ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. މިސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާ، މާފަންނު ސަހަރާ، ހުޅުމާލެ ސެންޓަރަލް ޕާކު އަދި ހުޅުމާލެ ފޭސް 2 ގައެވެ. އެ ވުޒާރާއިން ވިދާޅުވީ މި 4 ސްޓޭޝަނުން ފޯނުން ވައިގެ ކޮލިޓީ ބެލުމުގެ އިތުރުން އިތުރު މައުލޫމާތުވެސް ލިބޭނެކަމަށެވެ.
" މިސާލަކަށް ނޭވާ ހިއްލާ ބޭފުޅެއް. އެބޭފުޅާ ބޭނުންވަނީ މާލޭގެ ވަކި ހިސާބަކަށް ދާން. އާންމުގޮތެއްގައި އެނގެން އޮންނަނީ އެ ސަރަހައްދަކީ ވަރަށް އެއަރ ކޮލިޓީދަށް ސަރަހައްދެކޭ. ލައިވްކޮށް މި ސްޓޭޝަންތަކުން މައުލޫމާތު ލިބެން ހުންނާނެ. އެބޭފުޅާ ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ މާސްކެއް އަޅައިގެން ވަޑައިގަނެވޭނެ. ލައިވްކޮށް މިޑޭޓާސްތައް ލިބެން ހުންނާނެ މިތަނުން. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި 4 ސްޓޭޝަނުން ޑޭޓަރ އާންމުންނަށް ލިބޭނެ މަގުފަހިކޮށްދިނުން" ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުހައްމަދު ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އެންވަޔަރަންމަންޓް މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުހައްމަދު ވިދާޅުވީ ވައިގެ ކޮލިޓީ މޮނިޓަރ ކުރުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ އެއް މަޝްރޫޢަކީ ލޯ އެމިޝަން ޓްރާންސްޕޯޓް މަޝްރޫޢުކަމަށެވެ. މި މަޝްރޫޢަކީ ދަތުރުފަތުރާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށް އޭނާ ވިދާޅުވިއެވެ.