ޚަބަރު

ފުރަތަމަ ކުއާޓަރ: 24،782 ޓަނުގެ މުދާ ހޭންޑަލްކުރި


  • ރާއްޖެއަށް 18،908 ޓަނުގެ ކާގޯ ވަނީ ގެނެސްފައި

  • މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު %13 އިތުރު އަދަދެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހޭންޑަލްކުރި ކާގޯގެ އަދަދު 24،000 ޓަނަށްވުރެ އިތުރު ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރޭގައި ރާއްޖެއަށް ގެނައި ކާގޯއާއި ރާއްޖެއިން ބޭރުކުރި ކާގޯވެސް ހިމެނެއެވެ.

އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހޭންޑަލްކުރި ކާގޯގެ އަދަދަކީ، 24،782 ޓަނެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %13 އިތުރު އަދަދެކެވެ.

ރާއްޖެއަށް އެތެރެކުރި ކާގޯގެ އަދަދަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި 18،908 ޓަނުގެ ކާގޯ ވަނީ ގެނެސްފައެވެ. އަދި ރާއްޖެއިން ބޭރުކޮށްފައިވަނީ، 5،873 ޓަނުގެ ކާގޯ ނުވަތަ މުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޓްރާންޝިޕްމަންޓަށް ބަލާލާއިރު މި މުއްދަތުގައި ޓްރާންޝިޕްމަންޓްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޓްރާންޝިޕްމަންޓުގެ ގޮތުގައި 4،277 ޓަނުގެ ކާގޯ ވަނީ، ގެނެސްފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު %14 އިތުރު އަދަދެކެވެ.

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް 322 ޓަނުގެ ކާގޯ ވަނީ ގެނެސްފައެވެ. އަދި އެއަރ-ޓު-އެއަރ މެދުވެރިކޮށް 3،955 ޓަނުގެ ކާގޯ ގެނެސްފައިވާ ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ވީއައިއޭއަށް 264 ފްރައިޓަރ މޫވްމަންޓްސް ވަނީ ރެކޯޑް ކޮށްފައެވެ. އަދި އެއާލައިންތައް މެދުވެރިކޮށް ވީއައިއޭއަށް ގެނެސްފައިވަނީ، 2،188 ޓަނުގެ ކާގޯ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވީއައިއޭއަށް އެއާލައިންތަކުން ގެންނަ ކާގޯގެ އަދަދަށް ބަލާއިރު މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެއް މަހެއްގައި އެއާލައިންތަކުން ކާގޯ ގެނެސްފައިވަނީ، މިދިޔަ މާރިޗު މަހު ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ގެނައި މުދަލުގެ އަދަދު އިތުރުވެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އެކި ސަރަހައްދުތަކުން މުދާ ގެނައުން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ވަނީ، ރާއްޖޭގައި މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރު ކުރުމަށް އެކިއެކި އެއާލައިންތަކާއި ގުޅިގެން ކާގޯ-އިން-ކެބިން ދަތުރުތަކެއްވެސް ކޮށްފައެވެ.