އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްދާ ރީޖަންސް ލީގުގެ ސެންޓްރަލް ރީޖަންގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ކ. ހުރާ ދަނޑުގައި، ޒޯން 1ގެ ޗެމްޕިއަން ހުރާ އަދި ޒޯން 2ގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗު ނިމުނީ 0-0 ކުންނެވެ.
މި މެޗުގައި ދެޓީމުންވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައި ވީނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
ސެންޓްރަލް ލީގުގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ޒޯން 1 ގެ ރަނަރ-އަޕް، އދ. މަހިބަދޫ އަދި ޒޯން 2 ގެ ރަނަރ-އަޕް، ދ. މީދޫއެވެ. ސެންޓްރަލް ލީގުގެ މެޗެއް ދެން އޮންނާނީ މާދަމާ ހަވީރު، 16:00 ގައެވެ. ބައްދަލުކުރާނީ އދ. މަހިބަދޫ އަދި ދ. މީދޫއެވެ.
މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ހޯމް-އަވޭ ފޯމެޓަށް، ކޮންމެ ޓީމަކާވެސް ދެފަހަރަށް ބައްދަލުކުރާނެއެވެ. ކުޑަހުވަދޫ ދަނޑުގައި މި ދެޓީމު ބައްދަލުކުރާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.