ޚަބަރު

އަމާން ދޯދިއާއި އަމާން އުދަރެސް ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި


  • ޓަވަރުތައް ސަރަޙައްދު 24 ގަޑިއިރު ބަލަހައްޓާނެ

  • އަމާން އުދަރެސް ޓަވަތުތަކުގައި މަސައްކަތް ނިމިފައި

  • ދޯދި ޓަވަރުގައި ކެމެރާތައް ޓެސްޓުކުރުން ދަނީ ކުރިއަށް

އަމާން ދޯދި އަދި އަމާން އުދަރެސް ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. މި ޓާވަރުތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން މީހުން ދިރިއުޅެމުން ފެށި މަޝްރޫޢުއެވެ.

މި މަޝްރޫޢުގެ ދަށުން އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެހުގެ 16 ޓަވަރާއެކު ޖުމުލަ 32 ޓަވަރު ވަނީ ތަރައްޤީކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ވިދާޅުވީ އަމާން ދޯދި އަދި އަމާން އުދަރެސްގެ ހުރިހާ ޓަވަރުތަކުގައި މިހާރު ކެމެރާ ހަރުކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ނިމިފަވާކަމަށެވެ.

އަމާން އުދަރެހުގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް، ޓެސްޓްކޮށް އަދި ސީސީޓީވީ އޮޕަރޭޝަންގެ އެންމެހާ އިންތިޒާމްތައްވެސް ވަނީ ނިންމާފައެވެ. އަދި އަމާން ދޯދީގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް ނިމި، މިހާރު ކުރަމުންދަނީ ކެޕެރާ ސިސްޓަމްތައް ޓެސްޓްކުރުމާއި އޮޕަރޭޝަންގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކެވެ.

މި މަސައްކަތަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނާއި އަދި އެ ސަރަޙައްދު ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެވެ. މި ސަރަޙައްދުތައް 24 ގަޑިއިރު ބަލަހައްޓަމުން ދާނެއެވެ.


އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓަވަރުތައް ކައިރިއަށް ކުނި އަޅާ މައްސަލައެވެ. ސީސީޓީވީ ކެމެރާތައް އޮޕަރޭޝަނަށް ގެނައުމާއެކު، ކުނި އަޅާ މީހުން ދެނެގަނެ އެފަދަ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް އެފްޑީސީން ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއްވެސް ޤާއިމުކޮށްފައެވެ. މި ސެންޓަރު ޤާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 9ގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމު ތަންތަނާއި، ޓަވަރުތަކުގެ ރައްކާތެރިކަން އެ ސެންޓަރުން އަންނަނީ ބަލަހައްޓަމުންނެވެ.