ޚަބަރު

ކާރިސާގެ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި


  • ވަޒީރު ގެންދަވަނީ އެކި މުއައްސަަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން

ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، ދިފާޢީ އަދި ވަތަނީ ޚިދުމަތުގެ ވަޒީރު ޙަސަން ރަޝީދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެންޑީއެމްއޭގެ ފަރާތުން ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމާ ގުޅޭގޮތުން އެންޑީއެމްއޭގެ އިސް ބޭފުޅުންނާއެކު ވަޒީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ވަޒީރު ޙަސަން ރަޝީދު ދިފާޢީ އަދި ވަތަނީ ޚިދުމަތުގެ ވުޒާރާއާ ޙަވާލުވެ ވަޑައިގެންނެވީ، މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު އެކި މުއައްސަސާތަކާއި އެމްބަސީތަކުގެ އިސް ބޭފުޅުންނާ ވަޒީރު ގެންދަވަނީ ބައްދަލުކުރައްވައި، ދިފާޢީ އަދި ވަތަނީ ޚިދުމަތުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި އެ ވުޒާރާއާއި މުއައްސަސާތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.