ޚަބަރު

"ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ މާލީ ހާލަތު ރަނގަޅުކުރެވުން"


  • ދަރަނި ދައްކަންޖެހޭ ޤައުމުތަކާއި ފަރާތްތަކާ މަޝްވަރާކުރެއްވިކަމަށް ވިދާޅުވި

  • ސަރުކާރުން ވަނީ މިހާތަނަށް 974 މިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައި

މިހާތަނަށް ސަރުކާރުން ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް އެޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ، 'ޕްރެސަރ ވިތު ދަ ސްޕޮކްސް'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި، ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަނި މެނޭޖުކޮށް، އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަކީ މި ސަރުކާރުން ހާސިލުކުރި އެންމެ މުހިންމު ލަނޑުދަނޑި ކަމަށެވެ. ޚާއްސަކޮށް، ތަރައްޤީގެ މަޝްރޫއުތަކަށް ޖާގަ ހޯދަމުން، ދަރަނި އިތުރަށް ނުއުފުލޭނެ ގޮތަކަށް އިސްތިރާޖީ ސިޔާސަތުތަކެއްގެ ދަށުން މިހާރުވެސް މަސައްކަތް ކުރިއަށް ގެންދަމުންދާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ދާއިރާއިން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ތަރުޖަމާނު ވިދާޅުވީ، ދަރަނި އަދާކުރަން ޖެހޭ ޤައުމުތަކާއި ފަރާތްތަކާ މަޝްވަރާކުރެވިގެން، އެ ފަރާތްތަކުގެ އެހީތެރިކަމާއެކު މާލީ ގޮންޖެހުންތަކަށް ހައްލު ހޯދިފައިވާ ކަމަށެވެ. މީގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ދެކޭގޮތް ރަނގަޅުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ތަސައްވަރު އިތުރަށް ރަނގަޅުކޮށް، ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންނާ މެދު މާލީ އިދާރާތައް އަދި އެހީ ދޭ ފަރާތްތަކުން ވިޔަސް ދެކޭގޮތް ރަނގަޅު ހިސާބެއްގައި ބޭއްވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު." ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.

ދަރަނި އަދާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި، ފާއިތުވި 40 ދުވަހުގެ ތެރޭގައި އެކަނިވެސް 974 މިލިޔަން ޑޮލަރުގެ ދަރަނި ސަރުކާރުން ދައްކާފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މީގެ ތެރޭގައި 524 މިލިޔަން ޑޮލަރުގެ ސުކޫކަކާއި، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕެއްގެ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ތަރުޖަމާނުގެ ވާހަކަފުޅުގައި 2019ވަނަ އަހަރު އިންޑިއާ ސަރުކާރުން ތިން ފަހަރު މަތިން ނަގާފައިވާ 150 މިލިޔަން ޑޮލަރުގެ ލޯނުގެ ތެރެއިން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި 50 މިލިޔަން ޑޮލަރު ދައްކާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިމަހުގެ ތެރޭގައި ދައްކަން ހަމަޖެހިފައިވާ އިތުރު 50 މިލިޔަން ޑޮލަރުގެ ލޯނުވެސް މިހާރު ދައްކާފައިވާ ކަމަށާއި، ބާކީ އޮތް 50 މިލިޔަން ޑޮލަރު ސެޕްޓެމްބަރަށް ހަމަވާތީ އެ ފައިސާވެސް ދެއްކުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

"ލޯނެއް ރޯލްއޯވަރއެއް ނުކުރައްވާނެ. ހަމަ ސެޕްޓެމްބަރު މަހު ދައްކަވާނަމޭ ވަރަށް ސާފުކޮށް ރައީސް ވިދާޅުވީ. ހުސްވި ހަފުތާގައި މި ދެއްކި 50 މިލިޔަން ޑޮލަރު ދެއްކުމުގައި އަޅުގަނޑުމެން އިތުރަކަށް ބޮރޯއެއް ނުއެއް ކުރަން." ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ދެބައިކުޅަ އެއްބައި އަންނަ އާދިއްތަ ދުވަހު ފުރިހަމަވާއިރު، މާލީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ކާމިޔާބީތައް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.