ޚަބަރު

"މިފްކޯ ހިންގަން މިހާރު ރައްޔިތުންގެ ފައިސާއިން ސަބްސިޑީއެއް ނުދޭ"


  • ސަރުކާރު ހަވާލުވިއިރު މަސް ގަންނަން މާލީ ވުޒާރާއިން މިފްކޯއަށް ކިލޯއަކަށް 13ރ ދިން

  • މިފްކޯއިން އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަންނަނީވެސް އެހެން ކުންފުނިތައް ގަންނަ ރޭޓުގައި

މިފްކޯއަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއްކަމަށާއި، ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން މިހާރު ސަބްސިޑީއެއް ނުދޭކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސަރުކާރުގެ މަސް ކުންފުނި އޮތީ، މަސްވެރިންނަށް ފައިސާ ނުދެވި، ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާޢަތުގެ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އެންމެ އިސްކަމެއް ދިނީ މިފްކޯގެ ހިންގުން ހަރުދަނާކުރުމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުންޏަކީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ކުންފުންޏަކަށްވާއިރު، ރައްޔިތުންނަށް ބުރަބޮޑުވާނެހެން ރައްޔިތުންގެ ޓެކްސްފައިސާއިން އެ ކުންފުނި ހިންގުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.

"މިފްކޯއަކީ ރައްޔިތުންނަށް ބުރަ ބޮޑުވާނެ ގޮތަށް އޮޕަރޭޓް ކުރެވޭ ކުންފުންޏަކަށް ވެގެން ނުވާނެ. އެހެން އެކަން ވެއްޖެ ކަމަށްވެއްޖެނަމަ ޓެކްސް ޕެޔަރުން ދައްކާ ޓެކްސް ބޭނުންވޭ ޒިންމާދާރުގޮތުގައި ބިނާކުރަނިވިކަންކަމަށް ހޭދަކުރަން. ކަނޑައެޅިގެން މިފްކޯގެ އޮޕަރޭޝަނަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރެވި ނިންމޭނިންމުންތަކަކީ މުޅި ސިނާޢަތަށް އަދި މުޅި ޤައުމަށް އަސަރުކުރާނެ ކަމެއް" މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރު ހަވާލުވިއިރު މަހުގެ އަގަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން މިފްކޯއަށް މަސްގަތުމަށް ސަރުކާރުން ބޮޑު ހޭދައަށް ކުރަންޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭރު މާލީ ވުޒާރާއިން މަސް ގަތުމަށް ސަބްސިޑީ ގޮތުގައި ކޮންމެ ކިލޯއަކަށް 13ރ. ރޭޓުން މިފްކޯއަށް ސަބްސިޑީ ދިންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއީ އަހަރެއްގެ މައްޗަށް 1.1 ބިލިޔަން ރުފިޔާކަމަށާއި މިހާރު ކުންފުންޏަށް އިސްލާހީ ބަދަލުތަކެއް ގެނެސް އެކަން ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ މިހާރު މި ސިނާޢަތުގައި ސަބްސިޑީ ދެނީ މަސްވެރިންނަށް ދޫކުރާ ތެލަށް އެކަނި ކަމަށެވެ. ތެލަށް އަބަދުވެސް މަސްވެރިންނަށް ސަބްސިޑީ ދޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، މަސްވެރިކަން މިކަމުން ރައްކާތެރިކުރުމަށް ސަރުކާރުން ފިޔަވަޅު އެޅި ކަމަށެވެ. މިއީ ދިވެހި މަސްވެރިން މަހަށް ނުކުތުމަށް މަގުފަހި ކުރުމަށާއި، މަސްވެރިކަމުން އާމްދަނީ ހޯދާ 17،000 އާއިލާއަށް އެހީވުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންނަށް ތެޔޮ ގަތުމަށް ސަބްސިޑީ ދިނަސް، މިފްކޯއަށް އެއްވެސް އެހީއެއް ތެޔޮގަތުމުގައިވެސް ނުދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިފްކޯއިން އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަންނަނީ އެހެން ކުންފުނިތައްވެސް ގަންނަ ރޭޓުގައި. މިއަދު މިފްކޯއަށް އެކަން ކުރެވެނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ނެގި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން. އަޅުގަނޑުމެން ބޭނުންވާނީ އަބަދުވެސް ދަންނަވާވާހަކައެއް މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އޮޕަރޭޓް ކުރެވޭ ކުންފުންޏަކަށް ހަދަން. އިރާދަކުރެއްވިއްޔާ އެހިސާބުގަިއ އެއޮތީ. " ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން މިފްކޯގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނެވުނީ، މަސްވެރިކަމާއި ބެހޭ ވުޒާރާ އަދި މާލީ ވުޒާރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ކުންފުނި ހިނގަނީ ވާދަވެރި ބާޒާރެއްގެ މަސް ގަންނަ އަގު އަމިއްލައަށް ކަނޑައަޅައިގެން ކަމަށް މަސްވެރިކަމާޢި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝީޔާމް ވިދާޅުވިއެވެ.