ޚަބަރު

ރާއްޖެ އޮތީ އެންމެ އުނދަގޫ ގުރޫޕުގައި: ސޮބާޙް


  • ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ އިންޑިއާ އަދި ބަންގްލަދޭޝް

  • އިންޑިއާއިން ފަސް ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައިވޭ

  • ބަންގްލަދޭޝް އަކީ އެންމެފަހުގެ ޗެމްޕިއަނުން

މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ކުޅެން ޖެހުނީ މުބާރާތުގައި އޮތް އެންމެ ވަރުގަދަ، އެންމެ އުނދަގޫ ގުރޫޕުގައި ކަމަށް ޤައުމީ ޓީމުގެ ކޯޗު ޞޮބާޙު މުޙައްމަދު ބުނެފިއެވެ.

މި މަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ މި ބަންގްލަދޭޝްއާއި އިންޑިއާ އާ އެއް ގުރޫޕެއްގައެވެ.

ބަންގްލަދޭޝްއިން ވަނީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ހޯދާފައެވެ. އޭގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އިންޑިއާ އިން ވަނީ މިމުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލާފައެވެ.

ރާއްޖެ ކުޅެންޖެހޭ ގުރޫޕާ ގުޅޭގޮތުން ވާހަކަދައްކަމުން ޞޮބާޙް ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހުމުން، މިއީ ކިހާ އުނދަގޫވާނެ މެޗެއްކަން ގަބޫލުކުރެވުނު ކަމަށެވެ. އަދި ބަންގްލަދޭޝް އަކީ ވެސް ސަރަހައްދީ ބާރަކަށް ވާއިރު، މި ދެ ޓީމާ ކުރިމަތިލާން ޖެހުން އެއީ ވަރަށް ބޮޑު ޗެލެންޖެއްކަން ކުރިން ވެސް އެނގޭކަމަށް ސޮބާޙް ބުންޏެވެ.

މި ދެ ޓީމާ ވެސް ކުރިމަތިލާނީ އެއީ ވަރަށް ވަރުގަދަ ދެ ޓީމުކަން ދަނެ، ދޭން ޖެހޭ އިޚްތިރާމް ދީގެން ކަމަށާއި، މެޗަށް އެ ދެ ޓީމު ނުކުންނާނީ ކޮން ކަމަކަށް ވިސްނައިގެންކަން ވެސް އެނގޭކަމަށް ސޮބާޙް ބުނެފައިވެއެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގުރޫޕަކީ ވަރަށް ވަރުގަދަ ޓީމުތަކެއްކަން ސޮބާޙް ފާޙަގަކުރިއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ރާއްޖެ ވަނީ 0-11 އިން ބަލިވެފައެވެ. އިންޑިއާއިން މެޗުގެ ފުރަތަމަ ހާފުގައި ފަސް ލަނޑު ޖެހިއިރު، ބާކީ ހަ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ.

މެޗުގައި ފެނިގެންދިޔަ އިންޑިއާ ޓީމުގެ ތަރި އުމުރުން 22 އަހަރުގެ އަވޭކާ ސިންގް އަކީ ޑެންމާކުގެ ފުރަތަމަ ޑިިވިޝަނުގައި ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

މުބާރާތުގެ މެޗުތައް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ގޮތުން، އެ ދުވަހު ގްރޫޕް އޭގައި، ސްރީ ލަންކާ އާއި ބޫޓާނުން ބައްދަލުކުރާއިރު، ދެ ވަނަ މެޗުގައި، ގްރޫޕް ބީގައި ރާއްޖޭން ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށެވެ. ބަންގްލަދޭޝް އަކީ އެންމެ ފަހުން ދެ ފަހަރު ވެސް، ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނެވެ.