އައްޑޫ ސިޓީގައި ޤާއިމުކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތުގެ ތެރެއިން، އިންޖީނުތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ޤާއިމުކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނަކީ އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ވިދާޅުވީ، އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފަށާފައިވާ، އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏަކީ ދުބާއީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި އެފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެވެ. މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މާރިޗުމަހުގެ 7ވަނަ ދުވަހުއެވެ.
އައްޑޫގައި ޤައިމުކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން، އޭބީސީގެ އިންޖީނުތަކެވެ. މި ބްރޭންޑުގެ އިންޖީނުތަކަކީ މިހާރު އެ ސިޓީގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަފީފު ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން މިހާރު އިންޖީނުތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
"އެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްގެންދިއުމަށް މަސައްކަތްކުރަމުންދަނީ. މިހާރު ފެކްޓްރީގަ އެ އިންޖީނުތައް އުފެއްދުމުގެ މަސައްކަތްތައް ކުރިޔަށްއެބަދޭ." މުޙައްމަދު އަފީފު ހުސެއިން
މީގެއިތުރުން އަފީފުވަނީ، މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންގޮސް ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
"އަޅުގަނޑު ގޮއްސަ ބަލާލިއިރުވެސް ވަރަށް ދަތި އުނދަގޫ ގޮތަކަށް އެބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވަނީ. ކޮންމެ ވަގުތަކުވެސް ކަރަންޓު ކެޑުމުގެ ބިރުވެރިކަން އޮވޭ. އެހެންވީމަ އެކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާތީ، އެ މަސައްކަތް އަޅުގަނޑުމެން ބާރު ސްޕީޑުގަ ކުރިއަށްގެންގޮސް ނިންމާނެކަމުގެ ޔަގީންކަން އަރުވަން." މުޙައްމަދު އަފީފު ހުސެއިން ވިދާޅުވިއެވެ.
• އައު އިންޖީނުގެ ތަރައްޤީކުރުން
• 5.2 މެގަވޯޓުގެ ލޯ-ސްޕީޑު 5 ޖަނަރޭޓަރު އިންސްޓޯލްކުރުން
• ފެނަކައިގެ ޓީމަށް ބެލްޖިއަމުން އޮން-ގްރައުންޑް ތަމްރީންތައް ދިނުން
• ގްރިޑަށް ކަރަންޓު ދިނުމާ ހަމައަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުން
• ފިޔުލް ފާރމެއް ޤާއިމުކުރުން
• ބަންކަރިންގެ ޚިދުމަތް
މި މަޝްރޫޢުގެ ދަށުން، ލޯ-ސްޕީޑު ޖަނަރޭޓަރުތަކެއް ގެނައުމަށް ހަމަޖެހިފައިވާއިރު، އެތަކެތި އިންސްޓޯލްކޮށް ކޮމިޝަން ކުރެވެންވާއިރަށް، އިމުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެވި ޚިދުމަތަށް ފުރިހަމައަށް ތައްޔާރުކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް މަޝްރޫޢު ނިންމާނެކަމުގެ ފުރިހަމަ ޔަޤީންކަން ކޮންޓްރެކްޓަރ ދެއްވާފައިވާކަމަށާއި، މިހާރުވެސް އެކަމުގެ އިދާރީ ކަންކަން ކުރިއަށްދާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.