ޚަބަރު

ލ. އަތޮޅު ބަޔޮސްފިއަރ ރިޒަރވްއަކަށް ހެދުމަށް ހުށަހަޅަނީ


  • ރާއްޖޭގައި މިވަގުތު އޮތީ 3 ބަޔޮސްފިއަރ ރިޒާވް

  • އިތުރު 3 ބަޔޮސްފިއަރ ރިޒާވް ޤާއިމްކުރާނެ

ލ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި މި އަހަރުގެތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއަރ ރިޒާވާއި ނޭޗަރ ޕާކުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވަނީ ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޝައުގުވެރިވާ އަތޮޅުތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މި ދައުރުގެ ތެރޭގައި އިތުރު ތިން ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ދަނީ ކުރިއަށެވެ. އެގޮތުން ލ. އަތޮޅާއި ޅ. އަތޮޅުގައި މި މަޝްރޫއު ކުރިއަށްގެންދިއުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޚާއްޞަކޮށް ލ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ރައްޔިތުން ހޭލުންތެރިކުރުވުމާއި މިކަމުގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަރުހަލާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

"ބަޔޮސްފިއަރ ރިޒާވްއަކީ ހަޤީގަތުގައި ރައްޔިތުން ބޭނުންވެގެން ކުރާކަމެއް. ލ. އަތޮޅުގައި ދެން ކުރަން އޮންނަ ކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް. ކުރިން އިން ތިން ބަޔޮސްފިއަރ ރިޒާވްތައް ބަޔޮސްފިއަރ ރިޒާވްއަކަށް ވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދިން. ދެން ލާމު އަތޮޅުގައި ދެން އިން މަސައްކަތަކީ އެތަނުގެ ކޮމިއުނިޓީގެ ބަހެއް ހޯދުން" އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ޅ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއަކަށް ބަދަލުކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ވެސް ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިހާތަނަށް ރާއްޖޭގައި ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްގެ ދަރަޖަ ލިބިފައިވަނީ ބ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށެވެ. މިފަދަ ދަރަޖައެއް ސަރަހައްދަކަށް ލިބުމުން، އެތަނެއްގެ ގުދުރަތީ ރީތިކަމާއި ދިރުންތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދެއެވެ. ބަޔޮސްފިއަރ ރިޒާވްގެ ދަރަޖަ ފުރަތަމަ ދެވެނީ 10 އަހަރުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން، ދެމެހެއްޓެނިވި ގޮތެއްގައި އެ ދަރަޖަ ދެމެހެއްޓުމަށްޓަކައި އަލުން ސާވޭތައް ކުރިއަށްގެންގޮސް ޔުނެސްކޯއަށް ހުށަހަޅަންޖެހެއެވެ.

ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، އެކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި އެ ސަރަހައްދެއްގެ މުއައްސަސާތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އިއާދަނުކުރެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.