ޚަބަރު

"ޚިތާނު މައިޒާން" އަށް ނަން ނޯޓްކުރަން މާދަމާ ހުޅުވާލަނީ


މިއަހަރުގެ ބޮޑު ބަންދާ ދިމާކޮށް ޞަދަގާތު ފައުންޑޭޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ "ޚިތާނު މައިޒާން" އަށް ނަން ނޯޓްކުރުމުގެ ފުރުޞަތު މާދަމާ ހުޅުވާލައްވާނެ ކަމަށް އެ ފައުންޑޭޝަނުން ހާމަކޮށްފިއެވެ.

މިކަމާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފައުންޑޭޝަންގެ ފަރާތުން ޒީނާޒް އަދުނާން ވިދާޅުވީ، އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ރެހެންދި ސްކޫލްގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހިތާނު ކުރުމުގެ މި ޙަރަކާތުގެ ހުރިހާ ޚަރަދެއް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ޞަދަގާތުން ފައުންޑޭޝަންގެ ފަރާތުން ކަމަށެވެ. އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޞަދަގާތު ފައުންޑޭޝަނުން ބާއްވަން ނިންމާފައިވާ ހިތާނު މައިޒާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ވަރަށް ދިވެހިވަންތަ ގޮތަކަށް ކަމަށް ޒީނާޒް ވިދާޅުވިއެވެ.

ޞަދަގާތު ފައުންޑޭޝަންގެ ފަރާތުން ހުސަޢިން ހަނީފް ވިދާޅުވީ، މާދަމާއިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މިކަމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މާލޭގައި ހުންނަ އެމްޓީސީސީގެ ހުޅުމާލޭ ފެރީ ޓާމިނަލާއި ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ފެރީ ޓާމިނަލުން ކަމަށާއި މިކަމަށްޓަކައި މި ދެ ޓަރމިނަލްގައި މިކަމަށް ޚާއްސަ މޭޒްތަކެއް ބަހައްޓާނެކަމަށް ހަނީފް ވިދާޅުވިއެވެ. 

ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރުފަހު 2 ން ހަވީރު 6 ށް އަދި ރޭގަނޑު 8 ން 10 ށް ކަމަށް ހަނީފް ވިދާޅުވިއެވެ. މި ޙަރަކާތަކީ އާއިލާތައް އެއްތަނަކުން ބައްދަލުވެ އާއިލީގުޅުން ބަދަހިކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމުގެ ފުރުޞަތު އާއިލާތަކަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޞަދަގާތު ފައުންޑޭޝަނުން ބުނެއެވެ. މިޙަރަކާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9929233 އަށް ގުޅުއްވުމަށް ޞަދަގާތު ފައުންޑޭޝަނުން އެދިވަޑައިގަންނަވައެވެ.