ޚަބަރު

ފެރިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި


  • މިއިމާރާތުގައި އިދާރީ ބަޔަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭ

  • އިމާރާތުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ އޮގަސްޓްމަހު

އއ.ފެރީދޫގައި ޤާއިމުކުރި ފުލުހުންގެ އައު އިމާރާތް ހުޅުވައިފިއެވެ. މިއީ، ފުލުހުންގެ ޚިދުމަތް ދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ސްޓޭޝަނެކެވެ.

ފެރިދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ފެރިދޫ ކައުންސިލު ރައީސް އަންވަރު ސާދާތުއާއި، ކައުންސިލު މެމްބަރުންނާއި ބައިވެރިވެލެއްވިއެވެ. މީގެއިތުރުން އެމްޓީސީސީގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންވެސް މިރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވައި ޤައުމީ ދިދަ ނަންގަވައި ދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ފެރިދޫ ކައުންސިލުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވެއެވެ. މި ލިޔުން ޙަވާލުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރެވެ. މި ރަސްމިއްޔާތަށްފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. 2.04 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީ ބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކޮށްފައިވެއެވެ.

އެމްޓީސީސީން ވިދާޅުވީ، 850 މީހުންގެ އާބާދީއެއް ދިރިއުޅޭ ފެރިދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަކ،ީ ރަށަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި، ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ޤަބޫލުކުރާ ކަމަށެވެ. ފެރިދޫއަކީ، ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުންދާ ފަތުރުވެރިކަމުގެ މަންޒިލަކަށްވުމާއެކ،ު މި ރަށުގައި މި ޤާއިމުކުރި ޕޮލިސް ސްޓޭޝަނަކީ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.