މިހާރު ކުރިއަށްދާ 14 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރ" ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ގެ މެޗުތަކުގެ ތެރެއިން މިއަދު ކުޅުނު ފުރަތަމަ 2 މެޗު ކާމިޔާބުކޮށް، މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލް، މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މާފަންނު އެއް ނަންބަރު ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. މުޅި މެޗުގައިވެސް ފެނިގެންގޮސްފައި ވަނީ ވާދަވެރި، ފޯރިގަދަ ކުޅުމެކެވެ.
މެޗުގެ ފުރިހަމަ 40 މިނެޓުގެ ކުޅުން ނިމުނުއިރުވެސް ދެޓީމު އޮތީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރެންޖެހޭނީ ޕެނަލްޓީ ޖަހައިގެން ކަމަށް ހީވެފައި އޮއްވައި، މަޖީދިއްޔާ ސުކޫލުން ލަނޑުޖެހީ މެޗުގެ އެންމެ ފަހު މިނިޓުގައެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ކަލާފާނު ސްކޫލާއި ޢިމާދުއްދީން ސްކޫލެވެ. މިމެޗު ފެށުނުކޮޅު ވަރަށް ވާދަވެރިކޮށް ފެނުނު ނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި ޢިމާދުއްދީން ސްކޫލުން ލީޑުނެގި ހިސާބުން މެޗުގެ އޮއިވަރު ބަދަލުވިއެވެ.
ކަލާފާނުން އުފައްދަން ފެށި ނުރައްކާތެރި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
ދެވަނަ ހާފު ފަށައިގެން ފެނިގެންދިޔައީ ކަލާފާނު ސްކޫލުން އިތުރު ހަމަލާތަކެއް އުފައްދާ، ގިނަ ގޯލުތަކެއް ޖަހަން މަސައްކަތްކުރަމުންދިޔަ ތަނެވެ. އެހެންކަމުން ބޮޑަށް ޑިފެންސިވް ގޭމެއް ކުޅެން ޢިމާދުއްދީން ސްކޫލަށް މަޖުބޫރުވިއެވެ.
ކަލާފާނު ސްކޫލުގެ 2ވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ، ކައުންޓަރ އެޓޭކެއްގައި އެޓީމުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމާއެކު ޢިމާދުއްދީންގެ ޑިފެންޑަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްފައިވަނީ ލިބުނު ހިލޭޖެހުމަކުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.
މުބާރާތް އިއުލާނުކުރިއިރު ގަދަ 16ގެ ބުރު ހިމަނާފައި ނުވިނަމަވެސް، އެފްއޭއެމް އިން ވަނީ ހާއްސަކޮށް ދަތުރުކޮށްފައި މުބާރާތަށް އައި ޓީމުތަކުގެ އެދުމުގެ މަތިން އެނިންމުން މުރާޖާކޮށް، މުބާރާތުގައި ގަދަ 16ގެ ބުރު ހިމަނާފައެވެ.