ކުޅިވަރު

ފަރަންސޭސިވިލާތުގެ މައްޗަށް ކޯޓެޑިއުއަރ ކުރި ހޯދައިފި


  • ކޯޓެޑިއުއަރ 2 - 1 ފަރަންސޭސިވިލާތް

ފީފާ ވާރލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ފަރަންސޭސިވިލާތާއި ކޯޓެޑިއުއަރގެ މެދުގައި ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ކޯޓެޑިއުއަރއިން ކާމިޔާބުކޮށްފިއެވެ.

ފަރަންސޭސިވިލާތުގެ ނޯންޓްސްގައި ކުޅުނު މިމެޗު ކޯޓެޑިއުއަރ އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނުތަން ފެނިގެންދިޔައީ ފަރަންސޭސި ޓީމުންނެވެ. މިގޮތުން ކެޕްޓަން ކިލިއަން އެމްބާޕޭ އާއި މާކަސް ތުރާމްއަށް މިހާފުގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. އަދި އެޑްރިއަން ރެބިއޯ އާއި ރަޔަން ޗާކީއަށްވެސް ފަރަންސޭސި ޓީމަށް ލީޑު ނަގާދޭނެ ފުރުސަތު ލިބިގެންދިޔައެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ފަރަންސޭސީންނެވެ. އެއީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޗާކީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިމެޗުގައި ކޯޓެޑިއުއަރއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 53 ވަނަ މިނެޓުގައި ޑިފެންޑަރ ގުއެލާ ޑޫއޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ގުއޭލާ ޑޫއޭއަކީ ފަރަންސޭސި ޓީމަށް ކުޅެމުންދާ ޑިޒާރޭ ޑޫއޭގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މިމެޗުން ކޯޓެޑިއުއަރ މޮޅުވި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަމަދު ޑިއާލޯއެވެ.
ކުރިއަށް އޮތް ވާރލްޑް ކަޕްގައި މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ޓީމުތަކުގެ ލިސްޓްގެ އެންމެ ކުރީ ސަފުގައި އުޅޭ އެއް ޓީމު ކަމަށްވާ ފަރަންސޭސިވިލާތް ފަދަ ޓީމެއް ބަލިކޮށްލެވުމުން ކޯޓެޑިއުއަރއަށް ހިތްހަމަ ޖެހުމާއި އިތުބާރު އިތުރު ވެގެންދާނެ ނަމަވެސް ފަރަންސޭސީންވަނީ މިނަތީޖާ އާމެދު މާބޮޑު ކަންބޮޑުވުންތަކެއް ނެތްކަން ހާމަކޮށްފައެވެ. ފަރަންސޭސި ޓީމުގެ އައުރޭލިއެން ޗޫމޭނީ ހާމަކުރިގޮތުގައި މެޗުން ބަލިވުމުން ދެރަވާކަމަށާއި ނަމަވެސް މިއީ ވާރލްޑް ކަޕަށް ތައްޔާރުވާ މަރުހަލާ ކަމަށާއި ޓީމު އޮތީ އިތުބާރާއެކު އެކަތިގަނޑެއްގޮތުގައި ކަމަށެެވެ.

މިމެޗަށް ފަރަންސޭސި ކޯޗު ޑިޑިއަރ ޑޭޝޯމްޕް ނެރެފައިވަނީ ތަޖްރިބާކުރުމުގެ ޓީމެއްގެގޮތުގައި ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ. މިގޮތުން ދާދިފަހުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ޕެރިސް ސެއިންޓް ޖާމެއިން ޓީމުން ޤައުމީ ޓީމަށް ނެގި ގިނަ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. ފަރަންސޭސި ޓީމުގެ ލޫކަސް ހެނާންޑޭޒް ފާހަގަ ކުރިގޮތުގައި އެޓީމުން އަބަދުވެސް ބޭނުންވަނީ މޮޅުވާން ކަމަށާއި ނަމަވެސް މިއީ މުބާރާތަށް ތައްޔާރުވުމުގެ މަރްހަލާކަމުން މިމެޗުގެ ދެވަނަ ހާފުގައި ގިނަ ބަދަލުތަކެއް ކޯޗު ގެނައި ކަމަށެވެ. އަދި މިމެޗުގައި ފަރަންސޭސި ޓީމަށް ލަނޑު ޖަހައިދިން ޗާކީ ހާމަކުރިގޮތުގައި މިއީ ކުޑަ ވަރެއްގެ އިންޒާރެއް ކަމަށާއި އަދި މިފަހަރުގެ މުބާރާތަށް ފަރަންސޭސީން ދަނީ މުބާރާތުގެ ފޭވަރިޓުންކަމަށް ވިސްނައިގެން ނޫން ނަމަވެސް އެޓީމު ދަނީ މުބާރާތުގައި ޖެހޭ ހުރިހާ ޓީމެއް ބަލިކުރުމުގެ އަޒުމުގައި ކަމަށެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ފަރަންސޭސީން ހިމެނެނީ ސެނެގާލް، ނޯވޭ އަދި އިރާގާއި އެކު ގްރޫޕް އައި ގައެވެ. އަދި ކޯޓެޑިއުއަރ ހިމެނެނީ ޖަރުމަނުވިލާތް، އެކުއެޑޯ އަދި ކުރަކާއޯ އާއެކު ގްރޫޕް އީގައެވެ.