ޚަބަރު

ޕީއެސްއެމް ވޯލްޑްކަޕް ހަވީރަށް ބޮޑު ތަރުހީބެއް


  • ކުޑަކުދިންނާ ގުޅުންހުރި ތަފާތު ކުޅިވަރުތައް ހިމެނުނު

  • ވޯލްޑްކަޕުގެ ފޯރި ގަދަކުރުމަށް ސްޓިކާފަދަ ތަކެތި ބަހާފައިވޭ

މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ފީފާ ވޯލްޑްކަޕުގެ ފޯރި، އާންމުންގެ މެދުގައި އިތުރުކުރުމަށް، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ކުރިއަށް ގެންދިޔަ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކުޑަކުދިންނަށް ބައިވެރިވެވޭ ގިނަ ކުޅިވަރުތަކެއްގެ އިތުރުން ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކަކާއެކު ކުރިއަށްގެންދިޔަ މި ހަވީރުގައި ބައިވެރިވެގެން މިއަހަރުގެ ވޯލްޑްކަޕުގައި ފެންނާނެ ބައެއް މަޝްހޫރު ކުޅުންތެރިންގެ ސްޓިކާފަދަ ތަކެތި ހޯދުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

މީގެ އިތުރުން، މެޗު ޕޯސްޓަރ ތަކާއި ސްކޯ ޗާޓުފަދަ މުބާރާތުގެ ފޯރި އިތުރުކުރުމަށް ކޮންމެ ފަހަރަކުވެސް އާއިލާތަކުން ކުރިޔާލާ ހޯދާ ގިނަ ތަކެތި، މި ހަވީރުގެ ތެރެއިން ބަހާފައިވެއެވެ.

މި ހަވީރުގެ އިތުރުން، ޕީއެސްއެމް އިން މިއަހަރުގެ އަޟްޙާ ޢީދުގެތެރެއިން ކުރިއަށްގެންދިޔަ ސްޓޯލްވެސް ހާއްސަކޮށްފައި ވަނީ ވޯލްޑްކަޕަށެވެ. މި ސްޓޯލްގެ ތެރެއިންވެސް ވޯލްޑްކަޕާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ.

މިމަހުގެ 11 އިން ފެށިގެން ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކަވަރޭޖް ޕީއެސްއެމް އިން ގެނެސްދޭނެއެވެ. ޕީއެސްއެމް އިން މިފަހަރުގެ ވޯލްޑްކަޕް މުޅިން ހިލޭ ބެލޭނެ އިންތިޒާމު ވަނީ ދިވެހިންނަށް ފަހިކޮށްދީފައެވެ.

ވޯލްޑްކަޕުގެ ލައިވް މެޗުތަކުގެ އިތުރުން، ކައުންޓްޑައުން ޝޯވ އާއި މެޗު ޝޯވތަކުގެ އިތުރުން ހައިލައިޓް ޕްރޮގްރާމްތަކާއި ގުޅުންހުރި ތަފާތު އެކިއެކި ކޮންޓެންޓް، ޕީއެސްއެމް އިން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް ކަވަރޭޖަކީ މިހާތަނަށް ގެނެސްދޭ އެންމެ ފުރިހަމަ ވޯލްޑްކަޕް ކަވަރޭޖަށް ހެދުމަށް ޕީއެސްއެމްގެ ޓީމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.