ޚަބަރު

ފަތުރުވެރިކަމުގައި އާންމުންގެ ބައިވެރިވުމަށް، މޮޑެލްއެއް ތަޢާރަފްކުރަނީ


  • ވުޒާރާއާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި

  • މިޕައިލެޓް ޕްރޮގްރާމު ފަށާނީ ބ.އަތޮޅުގެ ބައެއް ރަށްތަކުގައި

ފަތުރުވެރިކަމުގެ ދާއިރާގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލެއް ތައާރަފްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިހާރު ވަނީ، "ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް" ތަޢާރަފް ކުރުމަށް އެ ވުޒާރާއާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، އެ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބ އަތޮޅުގެ ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕައިލެޓް ޕްރޮގްރާމަކީ އަންހެނުންނާއި ޒުވާނުންނާއި، އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ، އާއިލާތަކަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރާ މަޝްރޫޢެއް ކަމަށެވެ.

މީގެ އިތުރުން، މި މަސައްކަތުގެ އަސާސަކީ ފަތުރުވެރިކަން ފުޅާކުރުމުގައި ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކާއި، ޝުއޫރުތަކަށް ރިއާޔަތްކުރުން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ މެޕިންގގެ މަސައްކަތްތައް ކަމަށެވެ. އަދި މިއީ މުސްތަޢުބަލުގައި ކުރިއަށްދާނެ ކެޕޭސިޓީ ބިލްޑިންގއާއި އުފެއްދުންތެރިކަމުގެ މަރުހަލާތަކަށް އެޅޭ ބިންގަލެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި ފަހުމުނާމާއަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައި ރަށުގެ ފަރުދުންނަކީ އެންމެ މުހިންމު އެއް ބައިވެރިން ކަމުގައި ހަދައި، މުޖުތަމަޢުތަކަށް ފައިދާކުރަނިވި ފަތުރުވެރިކަމުގެ އައު މޮޑެލްއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.