ޚަބަރު

"ސަރުކާރުގެ މަސައްކަތް ހިތަދޫ ރައްޔިތުން ބަލައިގަންނަކަން ހާމަވެއްޖެ"


  • ވަޒީރު ވިދާޅުވީ ހިތަދޫގެ ވޯޓު ފޮށިތަކުން ކާމިޔާބު ލިބުމަކީ ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ހާމަވާކަމެއްކަމަށް

  • އަދިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަން ދެނެގަނެވި. އެކަންކަމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި

ބައި އިލެކްޝަންގައި ހިތަދޫގައި ބެހެއްޓި ފޮށިތަކުން މެޖޯރިޓީ ލިބުމަކީ ސަރުކާރުގެ މަސައްކަތް ހިތަދޫ ރައްޔިތުން ބަލައިގަންނަކަން ހާމަވާކަމެއްކަމަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރ އަދި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ ބައި-އިލެކްޝަންގެ ކަންކަން ނިމުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މަޖިލީސް ގޮނޑި ހުސްވުމާއި ގުޅިގެން ސަރުކާރުން ވަނީ އެދާއިރާއަށް އަލުން ކުރިމަތިލާ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. ބައި-އިލެކްޝަނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، ސަރުކާރުން ކުރި މަސައްކަތް ހިތަދޫގެ ރައްޔިތުން ބަލައިގެންފައިވާކަން ފެނިގެންގޮސްފައިވާކަމަށެވެ. އެގޮތުން ބައި-އިލެކްޝަންގައި ހިތަދޫގައި ބެހެއްޓި 4 ވޯޓު ފޮށިން 34 ވޯޓުން ކުރި ލިބިފައިވަނީ ޕީއެންސީއަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކެމްޕޭންގެ ތެރޭގައިވެސް ދާއިރާގެ ކުރިއެރުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިއްޖެ. މިހާހިސާބުން ކެމްޕޭން ނިމުނު ކަމުގައިވީނަމަވެސް އެމަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އޮތީ ނިންމާލުން. ހިތަދޫގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފައިދާ ދާއިރާގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދިޔުމަކީ އަޅުގަނޑުމެން އެންމެ އެދޭކަންތައް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކެމްޕޭނުގެ އަލީގައި ޕާޓީގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތާއި ރާސްތާ ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ. އަދި މިއީ އައު ފެށުމެއްކަމަށް ދެކިގެން، ގިނަ ބަޔަކާއި ގުޅިގެން ކުރެވުނު މިމަސައްކަތުން ކުރިއަށްދިޔުމުގެ މަގު ސާފުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ކެމްޕޭންގެ ތެރެއިން ލިބިގެންދިޔަ ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ.

އައްޑޫގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ހޮވިފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ. މި އިންތިޚާބުގައި އޭނައާ ވާދަކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުއެވެ. ޢަބްދުﷲ ޞާދިޤަށް 1375 ވޯޓު ލިބިފައިވާއިރު އަޙްމަދު ސަޢީދަށް ލިބިފައިވަނީ 1313 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވަނީ ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައެވެ. މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ. ހިތަދޫ އުތުރުދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑީޑޭޓް ކާމިޔާބުކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާއި ވާދަކޮށްގެންނެވެ.