ޚަބަރު

އައު ތަޞައްވުރަކާއެކު ކަނޑުތަކުގެ ދިރުން ދަމަހައްޓަންޖެހޭ


  • ޖޫން 8ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް

  • ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދު

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. 1992 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ނުރަސްމީ ސިފައެއްގައި ފާހަގަކުރަން ފެށިނަމަވެސް، ރަސްމީ ސިފައެއްގައި މި ދުވަސް ފާހަގަކުރަން ފެށީ އދ.ގެ ޢާއްމު މަޖިލީހުން 2008 ވަނަ އަހަރުގެ ޑިސެމްބަރުމަހު މިދުވަސް ރަސްމީގޮތުން ފާހަގަކުރަން ނިންމެވުމާއެކުއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، "ރީ އިމޭޖިން. ބިއޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވަރ އޯޝަން" މިއެވެ. ނުވަތަ "އައު ތަސައްވުރެއް: އަޅުގަނޑުމެން ދަންނަ ދުނިޔޭގެ އިންތަކުން ބޭރުވެ، ކަނޑުތަކާއެކު އައު ގުޅުމެއް ޤާއިމުކުރަމާ" މިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުތަކުގެ ދިރުން ދެމެހެއްޓުމަށްދޭ ސަމާލުކަން އިތުރުކޮށް، މިރޮނގުން ކުރާ އެކިއެކި މަސައްކަތްތަކަށް ބާރުއެޅުމެވެ. ރާއްޖޭގެ އިޤުތިޞާދުގެ ބޮޑު ބައެއް ޙިއްޞާކުރާ އެއް ދާއިރާކަމުގައިވާ މަސްވެރިކަމަކީ ކަނޑުރޯދިން ލިބޭ އާމްދަނީއަކަށްވެފައި، ދިވެހި ކަނޑުތަކުގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ޢަޒުމް ކަނޑައަޅައި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކަމާއިއެކު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، މިފަދަ ދަނޑިވަޅެއްގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެކެވެ.

މަސް ކަނޑުތަކުގެ މަންފާ ހެޔޮގޮތުގައި ލިބިގަތުމަކީ ދިވެހީންގެ މަސްވެރިކަން ކުރިއަރުވައި، މަހަށް ލިބޭ އަގު ހިފެހެއްޓުމަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ. ރާއްޖޭގައި ކުރާ ތިމާވެއްޓާއި ރަޙުމަތްތެރި ދޮށީގެ މަސްވެރިކަމަކީ، ދިވެހިން ފަޚުރުވެރިވާ ކަމެކެވެ. އަދި މިއީ ތިމާވެށި ހިމާޔަތް ކުރުމާއި، ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހީން ދައްކާ ލާމަސީލު މިސާލެއްކަން މުޅި ދުނިޔެވެސް ޤަބޫލުކުރާ ކަމެކެވެ.

ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެ ސަރަހައްދުގެ %99 އަކީ، ކަނޑުގެ ސަރަޙައްދެވެ. އަދުގެ ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ކަނޑާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މަސައްކަތްކޮށް އިންވެސްޓްމެންޓް ހޯދުމެވެ.

ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރު ކުރުމުގެ ފުރުޞަތު ފަހިވެފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެއާއެކު ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަޙައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރު ކުރުމަށް ވަނީ ޑްރޯންތައް ބޭނުންކުރަން ފަށާފައެވެ.

ކަނޑުން ލިބޭ އެންމެ އަގުހުރި ނަފާ ކަމުގައިވާ ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެކެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މި ސިނާއަތައް މީގެކުރީގެ އެއްވެސް ސަރުކާރަކުން ނުގެންނަ ވަރުގެ ބޮޑެތި އިންވެސްޓުމަންޓްތައް ސަރުކާރުން ދަނީ ގެންނަވަމުންނެވެ.

ކަނޑުތަކުގެ ދިރުމަށް އޭގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަކީ، ރާއްޖޭގައިވެސް ބޮޑު މައްސަލައެކެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަކީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، ގޮނޑުދޮށްތަކަށް އަޅާ ކުނީގެ ސަބަބުން ވެލާއި ކަހަނބާއި، މަޑީގެ ބާވަތްތަކާއި، މުރަކަ ފަރުތަކުގެ އިތުރުންވެސް، ކަނޑު އަޑީގެ އެހެން ދިރުންތަކަށް ކުރާ އަސަރަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

މިގޮތުން ކަނޑަށް އަޅާ ކުނީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރު ކުރާނެކަން ޔަޤީނެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި، ކަނޑުތަކުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރަން ޖެހެއެވެ.

ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ 80 ބާވަތެއްގެ ކަނޑުގެ ދިރުން ރާއްޖޭގެ ކަނޑުތަކުގައިވާ ކަމަށް ކަނޑުތަކާ ގުޅޭގޮތުން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، މިފަދަ ދިރުންތަކާއި މެދު ވިސްނައި އަދި ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތައް އާލާކުރުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.