ޚަބަރު

އަފްރާޝީމް ލިޔުއްވާފައިވާ ފޮތެއް މަޢުމޫން ފައުންޑޭޝަނުން ނެރެފި


ޑރ. އަފްރާޝީމް އަލީ ލިޔުއްވާފައިވާ ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެފިއެވެ. 

"އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމް އަދާކުރުމަކީ ޝަރުޢީ ގޮތުން ހުއްދަކަމެއްތޯ" މިމައުޟޫއަށް ޑރ. އަފްރާޝީމް އަލީ ލިޔުއްވާފައިވާ މިފޮތް ނެރެދެއްވީ މައުމޫން ފައުންޑޭޝަނުން ރޭ ޝީ ބިލްޑިންގ ގައި ބޭއްވެވި ޙާއްޞަ ރަސްމިއްޔާތެއްގައި އެފައުންޑޭޝަންގެ ޗެއަރމަން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅެއް ކަމަށްވާ އަނީސާ އަހުމަދެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ ޑރ. އަފްރާޝީމް ޢަލީ ލިޔުއްވާފައިވާ މި ފޮތް ނެރުއްވާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ޑރ. އަފްރާޝީމް ލިޔުއްވާފައިވާ 17 ފޮތެއް އަފްރާޝީމްގެ އާއިލާއިން މައުމޫން ފައުންޑޭޝަނަށް ހަދިޔާ ކުރައްވާފައިވާކަމަށާއި ކުރިއަށް އޮތް ތަނުގައި މި ފޮތްތައް ނެރުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މިފޮތް ޝާއިޢު ކުރުން ވެގެންދާނީ ދިވެހިރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ފޮތުގެ މުސައްރިފް ޑރ. އަފްރާޝީމް ޢަލީ ވިދާޅުވެފައިވަނީ ޤާޒީކަން ކުރުމާއި ޤައުމުގެ އެންމެ މަތީ ވެރިކަން ކުރުމާއި ތަފާތެއް ނެތޭ. އެއިން ކޮންމެ މީހަކަށްވެސް މިކިޔަނީ ހާކިމް. ހުކުމް ކުރާ މީހާ. ޤާޒީ އަކީވެސް ހުކުމް ކުރާ މީހެއް. އޭނާއަކީ ޙާކިމެއް. ޤައުމުގެ އެންމެ މަތީ ރައީސަކީވެސް ހުކުމް ކުރާ މީހެއް. ކަންތައްތައް ނިންމާ މީހެއް. އެއީ ހާކިމެއް. ދެމީހުންނަކީ ވެސް ހާކިމުންކަމަށްވާއިރު ދެމީހުންގެ ޝަރުތުތައްވެސް ހަމައެކައްޗެކޭ. ވަރަށްގިނަ އިލްމުވެރިން އެގޮތަށްވަނީ އެއްބަސްވެވަޑައިގެންފައޭ. އެހެންވީމާ ޤާޒީކަން ކުރުމާއި އަންހެނަކާއި ފިރިހެނެއް ތަފާތެއް ނެތިއްޔާ ވެރިކަން ކުރުމުގައިވެސް އަންހެނަކާއި ފިރިހެނަކާއި ދެމެދު ތަފާތެއްނެތޭ" ފޮތް ނެރުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޢުމޫން ވިދާޅުވިއެވެ. 

މި ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާއަކަށް ކަމަށާއި، ފޮތެއްގެ އަގަކީ ފަންސާސް ރުފިޔާ ކަމަށް މައުމޫން ފައުންޑޭޝަނުން ހާމަކުރެއެވެ.