މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ ސްޓޭޝަން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކޮށްފިއެވެ. މިއީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރުގެ އެކި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނަ ޖެޓު ޖައްސާ އެއަރޕޯޓެވެ. އެހެންކަމުން އެންމެ ފަހުގެ، އެންމެ ސައްޙަ މޫސުމީ މަޢުލޫމާތު އެނގުމަކީ، މުހިއްމުކަމެކެވެ.
މާފަރުގައި މިހާރުވެސް އޮޓޮމެޓިކް ވެދަރ ސްޓޭޝަނެއް ހުރެއެވެ. މީގެކުރިން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓާއި އެންމެ ގާތުން މެނުއަލް ސްޓޭޝަނެއް ޤާއިމުކޮށްފައި ހުންނަނީ ހަނިމާދޫ އެއަރޕޯޓުގައެވެ. އެހެންކަމުން މީގެކުރިން މެނުއަލްކޮށް ނަގަންޖެހޭ މޫސުމީ މަޢުލޫމާތު މާފަރު އެއަރޕޯޓުން ޚިދުމަތް ހޯދާ އެއަރލައިންތަކަށް ފޯރުކޮށްދެމުންދިޔައީ ހަނިމާދޫގައި ޤާއިމުކޮށްފައިވާ މެނުއަލް ސްޓޭޝަނާއި، އޮޓޮމެޓިކް ސްޓޭޝަން މެދުވެރިކޮށެވެ.
A significant milestone achieved! Aviation meteorological services are now operational at Maafaru International Airport. pic.twitter.com/jBE4pQUL4x
— Maldives Meteorology (@MetMaldives) June 13, 2026
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މާފަރުގައި ޤާއިމުކުރި މެނުއަލް ސްޓޭޝަނާއެކު ރާއްޖޭގައި މޫސުން ކުރިއަށް ލަފާކުރުމަށް ބޭނުންކުރާ މެނުއަލް ސްޓޭޝަންތަކުގެ އަދަދު 6 އަކަށް އިތުރުވެފައިވާކަމަށެވެ. މިހާތަނަށް މިސްޓޭޝަންތައް ޤައިމުކޮށްފައި ހުރީ، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ، ގަން އަދި ހުޅުލޭގައެވެ.
އެވިއޭޝަން ސިނާއަތަށް ގަޑިއަކު އެއްފަހަރު އެއަޕޯޓު އޮންނަ ސަރަޙައްދުތަކާއި އާންމުކޮށް ރާއްޖޭގެ މޫސުމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭންޖެހެއެވެ. ހަމައެއާއެކު މޫސުން ގޯސްވާ ޙާލަތްތަކުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު، ވަގުތުން ވަގުތަށް ފްލައިޓުތަކަށް ފޯރުކޮށްދޭންޖެހެއެވެ. މެޓުން ވިދާޅުވީ މާފަރުގައި ޤާއިމުކުރި މެނުއަލް ސްޓޭޝަނާއެކު ކުރިއަށް އޮތްތަނުގައި އެސަރަޙައްދުގެ މޫސުން މިހާރަށްވުރެ ސައްޙަކޮށް ބުނެދިނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.
މެޓު އޮފީހުންދަނީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށާއި މަސްވެރިންނާއި، ދަތުރުފަތުކުރާ ކަނޑު އުޅަނދުތަކަށް ބޭނުންވާ އެންމެ ސައްޙަ މަޢުލޫމަތު ފޯރުކޮށްދެމުންނެވެ. ހަމައެއާއެކު ރާއްޖެ ސަރަޙައްދުގެ މޫސުން މޮނީޓަރކުރަމުންދާއިރު އޭގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކުގެ މަޢުލޫމާތައި މޫސުމަށް އަންނަ ބަދަލުތަކާއެކު އާންމުމަށް އެމަޢުލޫމާތު އެންގުމާށް 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.