ޚަބަރު

މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕްގެ އެއްވަނަ ނޫހް އަދި ކިޔާރާއަށް


  • މުބާރާތް ކުރިއަށްދިޔައީ 11 އިން 19 އަށް

  • މުބާރާތުގައި 150 އެތްލީޓުން ވާދަކުރި

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިމަހުގެ 11 އިން 19 އަށް މާލޭ ޓެނިސް ކޯޓުގައި ކުރިއަށްގެންދިޔަ 13 ވަނަ މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕްގެ މެންސް އޯޕެން ސިންގަލްސް އިވެންޓުގެ ޗެންޕިއަންކަން މުހައްމަދު ނޫހް ނާޒިހް އަދި ވިމެންސް އޯޕެން ސިންގަލްސް އިވެންޓުގެ ޗެންޕިއަންކަން ކިޔާރާ އުސާމާ އަލީ ހޯދައިފިއެވެ.

ހަތް އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި 130 އަށްވުރެ ގިނަ އެތްލީޓުން ވާދަކޮށްފަވެއެވެ. ޖުމްލަ 350 މެޗް ކުޅުނު މިމުބާރާތުގައި އަތޮޅުތެރެއިންވެސްވަނީ ކުޅުންތެރިން ވާދަކޮށްފަވާއިރު، މުބާރާތުގެ އެންމެހާ ކަންކަން ދިޔައީ ވަރަށް ފުރިހަމައަށްކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނައިބު ރައީސް އިގްނާޒް މަންސޫރުވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.

އިގްނާޒް ވިދާޅުވީ މިމުބާރާތުގެ ސަބަބުން އައު ހުނަރުވެރި ކުޅުންތެރިން އުފެދެމުން އަންނަކަމަށެވެ. ޓެނިހުން ކުޅުންތެރިން އުފެއްދުމަށްޓަކައި އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ހަގު އުމުރުފުރާތަކުގެ ކުޅުންތެރިން ތަރައްގީވަމުން އަންނަ މަންޒަރު ފެންނަމުންދާކަމަށާ މިއީ މި މިކުޅިވަރު ކުރިއަރަމުން އަންނަކަމުގެ ހެއްކެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސްކޫލް ޕްރޮގްރާމަށް އައު ބެޗުތައް ނެރެން، އަންޑަރ 6 އަދި އަންޑަރ 7 ގެ ކުދިންނަށް މި ފައްޓަނީ. ފާހަގަކޮށްލަން ވަރަށް ގިނަ ކުދިން އެބަ ކުޅޭ. އަދި ވަރަށް ގިނަ ގިނަ ކުދިން މިފަހަރު މުބާރާތުގައި ބައިވެރިވެ ވަރަށް ފޯދިގަދަކޮށް ދިޔައީ. އެހެންވީމަ މިއީ ޑެވެލޮޕްމެންޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް، ރަނގަޅު ފާލެއް" އިގްނާޒް ވިދާޅުވިއެވެ.

13 ވަނަ މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕްގެ މެންސް އޯޕެން ސިންގަލްސް އިވެންޓުގެ ތަށި ހިއްލާލުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ނޫހް ބުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މުބާރާތުގެ މެޗުތައް އުނދަގޫކަމަށެވެ. ފާއިތުވެދިޔަ އަހަރުގެވެސް ޗެންޕިއަން މިއަހަރުގެ މުބާރާތާ ކުރިމަތިލީ ތަށި ދިފާއުކުރުމުގެ އަމާޒުގައި ކަމަށްވާއިރު، ތަށި ހޯދުމަށް ކުޅުނު ފައިނަލް މެޗުވެސް އޭނާ ސިފަކުރީ "ޓަފް" މެޗެއްގެ ގޮތުގައެވެ.

"ވަރަށް ޓަފް މެޗުތަކެއް ނިންމާފަ، އަސްލު ފައިނަލް މެޗުވެސް ވަރަށް ޓަފް. އެއްވެސް މެޗެއް މިފަހަރު އީޒީއެއް ނޫން. ވަރަށް މަސައްކަތުން މިފަހަރު މޮޅުވެވުނީ" ނޫހް ބުންޏެވެ.

ބައިނަލްއަގްވާމީ މައިދާނުގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ނޫހް ގަބޫލްކުރާގޮތުގައި ގައުމީ މުބާރާތްތަކުގައި ވާދަކޮށްލަން ފުރުސަތު ލިބުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް ގިނަ ފައިދާތަކެއްކުރާކަމެކެވެ. ގައުމީ މުބާރާތްތަކުން ލިބޭ ތަޖުރިބާތަކުގެ އަލީގައި ބައިނަލްއަގްވާމީ މައިދާނާ ކުރިމަތިލާއިރު، މުބާރާތްތަކަށް ކުޅުންތެރިން އިތުރަށް ހޭނޭކަމަށް އޭނާ ބުނެފަވެއެވެ.

"ނެޝަނަލް މުބާރާތައް ކޮންފިޑެންސަށް ވަރަށް ހެލްޕްފުލް. އިންޓަނޭޝަނަލް މުބާރާތްތަކަށް ތައްޔާރުވާއިރު، ނެޝަނަލް މުބާރާތްތައް ވަރަށް މުހިންމޭ ބުނާނީ" ނޫހް ބުންޏެވެ.

މުބާރާތުގެ ވިމެންސް އޯޕެން ސިންގަލްސް ޓްރޮފީ ކާމިޔާބުކުރި ކިޔާރާ ފައިނަލްގައި ކުޅެފައިވަނީ މަންހާއާއި ދެކޮޅަށެވެ. އެހެންނަމަވެސް މެޗުގެ ތެރެއިން މަންހާއަށް އަނިޔާވެ، އިތުރަށް ކުޅެވޭގޮތްނުވުމުން ވޯކްއޯވާއެއްކަމަށް ނިންމާ މެޗުވަނީ އެހާ ހިސާބުން ނިންމާލާފައެވެ.

ކިޔާރާ ބުނެފަވަނީ މުބާރާތުގެ ތަޖުރިބާ އުފާވެރިކަމަށެވެ. މުބާރާތުގެ ބައެއް މެޗުތަކުގައި އެއްބަނޑު އެއްބަފާ ދައްތައާއި ދެކޮޅަށް ކުޅެން ޖެހުމުން ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، އެއީ އުފާވެރި ތަޖުރިބާތަކެއްކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ކޮންމެ މެޗަކާވެސް އޭނާ ކުރިމަތިލަނީ މޮޅުވުމުގެ ރޫހުގައިކަމަށް އޭނާވަނީ ބުނެފައެވެ.

"މުބާރާތް ދިޔައީ ވަރަށް ރަނގަޅަށް. ޖޫނިއާ ރަނަރަޕްކަންވެސް ލިބުނު، އެއީ ދައްތައާއި ވާދަކޮށް. މުބާރާތުގެ ފުރަތަމަ މެޗު ކުޅުނީ ދައްތައާއި ދެކޮޅަށް. އަނެއްކާ ޖޫނިއާ މެޗުވެސް ދައްތައާއި ދެކޮޅަށް ކުޅުނީ. އަދި ފައިނަލްގައި ވާދަކުރަންޖެހުނީ މަންހާއާ. ކޮންމެ މެޗަކަށްވެސް ވަރަށް ހިތްވަރާއެކު ނުކުންނަނީ. މިއީ މަޖާ ތަޖުރިބާއެއް" ކިޔާރާ ބުންޏެވެ.

އައިޓީއެފް ވޯލްޑް ޓެނިސް ނަންބަރ ރޭޓިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލިބޭގޮތަށް ކުރިއަށްގެންދިޔަ 13 ވަނަ މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕްގައި ގިނަ އަދަދަކަށް ތުއްތުކުދިންވެސް ވަނީ ވާދަކޮށްފައެވެ.

ރާއްޖޭގައި މި ކުޅިވަރު ތަރައްގީވަމުން އަންނަކަމުގެ އުފާވެރި ކުލަވަރު މިކަމުން ފެނިގެންދިޔައިރު މީގެ ތެރެއިން ބައެއް ތުއްތު އެތްލީޓުންވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާލާފައެވެ. ހުރިހާ ކުދިންވެސް ފާހަގަކުރިގޮތުގައި މިއީ އުފާވެރި މަޖާ މުބާރާތެކެވެ. އެކުދިންގެ އަމާޒަކީ މުސްތަގުބަލުގެ ޓެނިހުގެ ތަރިންނަށްވުންކަމަށް އެކުދިންވަނީ ބުނެފައެވެ.

13 ވަނަ މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވާ ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް މެޑައްޔާއި ތަށި ހަވާލުކޮށްދެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރުކަންކުރިން ކުރެއްވި، ޠާރިޤް އިބްރާހިމްއެވެ. މިމުބާރާތުގައި ވާދަކުރި ޖޫނިއާ ހުރިހާ ކުޅުންތެރިންނަށްވަނީ މެޑަލްދީފައެވެ.