ޚަބަރު

ޓެނިހުގެ ފައިންޓިއުނިންގެ ބައި އަތޮޅުތެރޭގައި އިތުރުކުރަންޖެހޭ: އިގްނާޒް


  • ނައިފަރު އަދި ފަރެސްމާތޮޑާގައި މިހާރުވަނީ ކޯޓް ތަރައްގީކޮށް ފަރިތަކުރުންތައް ފަށާފައި

  • މި ދެކޯޓްގެ އިވެލުއޭޝަންއެއް ޓެނިސް އެސޯސިއޭޝަނުން ކުރިއަށްގެންދާނެ

ޓެނިސް އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ދެ ރަށެއްގައި ޓެނިސް ކޯޓް ތަރައްގީކުރެވި، ފަރިތަކުރުންތައް ފަށާފައިވާއިރު، ޓެނިހުގެ ފައިންޓިއުނިންގެ ބައި އަތޮޅުތެރޭގައި އިތުރުކުރަންޖެހޭކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވެއްޖެއެވެ.

އިގްނާޒް މިހެން ވިދާޅުވީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިމަހުގެ 11 އިން 19 އަށް މާލޭ ޓެނިސް ކޯޓުގައި ކުރިއަށްގެންދިޔަ 13 ވަނަ މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އަތޮޅުތެރެއަށް ޓެނިސް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ނައިފަރު އަދި ފަރެސްމާތޮޑާގައި ކޯޓު ތަރައްގީކޮށް ފަރިތަކުރުންތައް ކުރިއަށްދާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. އެގޮތުން ނައިފަރު ކޯޓުގައި ފަރިތަކުރުންތައް ބާއްވަމުން ދާތާ ތިންވަރަކަށް އަހަރުވެފައިވާއިރު، އެރަށާއި ފަރެސްމާތޮޑާގައިވެސް ކުޅުންތެރިން ތަމްރީނުކުރުމުގައި ކޯޗުން ހަރަކާތްތެރިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމަކީ ގޮންޖެހުންތައް ގިނަ ޚަރަދުބޮޑު ކަމަކަށްވާއިރު، ޓެނިހުގެ ފައިންޓިއުނިންގެ ބައި އިތުރުކޮށްލަންޖެހޭކަމަށް އިގްނާޒް ފާހަގަކުރެއްވިއެވެ.

"މިހާރު ދެ އަތޮޅެއްގައި އެބައޮތް ކޯޓް. ނައިފަރު އަދި ފަރެސްމާތޮޑާގައި. ނައިފަރުގަ ޕްރެކްޓިސްކުރަމުންދާތާ މިހާރު ތިން އަހަރެއްވަރުވެދާނެ. ފަރެސްމާތޮޑާގައިވެސް ކޯޗެއް ބަހައްޓައިގެން ޕްރެކްޓިސް މިކުރަނީ. ދެން އަޅުގަނޑަށް ހީވަނީ ފައިން ޓިއުނިން ބައި ކުރިއަށްގެންދަންޖެހޭހެން އަތޮޅުތެރޭގައި. ގިނަ ފަހަރުވާގޮތަކީ ޓެނިސް ކޯޓަކީ ވަރަށް ބޮޑު އޭރިއާއެއް ނަގާތަނެއް. ވަރަށް ބޮޑު ބަޖެޓެއް މެއިންޓެނެންސްއަށް ބޭނުންވޭ. އެހެންވީމަ ބައެއް ފަހަރު ޖާގައާއި ބަޖެޓާއި މިކަހަލަ ކުދިކުދި މައްސަލަތައް ދިމާވޭ" އިގްނާޒް ވިދާޅުވިއެވެ.

ނިމިގެންދިޔަ 13 ވަނަ މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕްގައި ނައިފަރުން ކުޅުންތެރިން ވާދަކުރިން ފާހަގަކުރައްވާ އިގްނާޒް ވިދާޅުވީ އެކުޅުންތެރިންގެ ފެންވަރު އިތުރަށް މަތިކުރުމަށް ޕްލޭންތަކެއް އެކަށައަޅާފައިވާކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ ކުޅުންތެރިންގެ މެދުގައި އިވެލިއުޝަންއެއް ހަދާނެކަމަށާ އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ބޭނުންވާ ކަންކަން ދެނެގަނެވިގެންދާނެކަމަށް އިގްނާޒް ފާހަގަކުރެއްވިއެވެ.

"މިފަހަރު އައި ނައިފަރު ކުދިންތައް ރަނގަޅު. އެކަމު އަޅުގަނޑަށް ހީވަނީ އެބަޖެހޭހެން ތަންކޮޅެއް ބޮޑަށް ފޯކަސްކޮށްގެން މިއަށްވުރެ ރަނގަޅުކުރެވޭނެ. ދެން އަޅުގަނޑުމެން އިވެލިއުޝަންއެއް ހަދާނަން، ހަދާފަ މައްސަލައަކީ ކޯޗުން ރަނގަޅުކުރުންތޯ ނޫނީ އިތުރު ޓްރޭނިން ދިނުންތޯ އެފަދަ އިވެލިއުޝަންއެއް ހަދާފަ ނިންމާނީ" އިގްނާޒް ވިދާޅުވިއެވެ.

ޓެނިސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުނަރުވެރި ކުޅުންތެރިން މިކުޅިވަރުން އުފައްދާ ބައިނަލްއަގްވާމީ މައިދާނުގައިވެސް ރާއްޖެއިންވަނީ ޓެނިހުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.