ޚަބަރު

އުރުދުން ކަޓުވާލާ އަލްޖީރިއާ އުއްމީދު އާކޮށްފި


  • ޖޯޑަން 1 - 2 އަލްޖީރިއާ

ވޯލްޑް ކަޕް ގްރޫޕް ޖޭގައި، އަލްޖީރިއާ ފަހަތުން އަރައި އުރުދުން ބަލިކޮށް، މުބާރާތުގެ ގަދަ 32 އަށް ދިއުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

އެމެރިކާގެ ސެން ފްރާންސިސްކޯގައި ކުޅުނު މިމެޗު އަލްޖީރިއާ ކާމިޔާބުކުރީ 2-1 އިންނެވެ. މި ނަތީޖާއާއެކު، ވޯލްޑް ކަޕުގައި އަލަށް ވާދަކުރާ އުރުދުން ވަނީ މުބާރާތުން ކަޓާފައެވެ.

މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އަލްޖީރިއާ އިން ކުޅުނު ނަމަވެސް، އުރުދުންގެ ޑިފެންސް ފެނުނީ ވަރަށް ރޭވުންތެރިކޮށެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިޒާރު އަލް ރަޝްދާން ކާމިޔާބުކޮށްދިން ރީތި ލަނޑާއެކު، އުރުދުން ވަނީ މެޗުގެ ކުރިހޯދާފައެވެ.

ނަމަވެސް، ދެވަނަ ހާފުގައި އަލްޖީރިއާ އިން ކުޅުން ވަރުގަދަކޮށް އުރުދުންގެ ގޯލަށް ބާރުބޮޑުކުރިއެވެ. ނަތީޖާއަކަށްވީ، 69 ވަނަ މިނެޓުގައި ރިޔާދް މަޙްރޭޒް ނަގައިދިން ކޯނަރަކުން ނަދީރު ބެންބޫލީ ބޮލުން ޖަހައި، އަލްޖީރިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނުމެވެ.

އަލްޖީރިއާ މެޗު ކާމިޔާބުކުރީ 82 ވަނަ މިނެޓުގައި އަމީން ގުއީރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއާއެކު، ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ޕޮއިންޓް ހޯދުމަށް އުރުދުން ކުރި އުންމީދުތައް ފެނަށް ދިޔައެވެ.

ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ އާޖެންޓީނާ އަތުން 3-0 އިން ބަލިވި ނަމަވެސް، އަލްޖީރިއާ މިވަނީ މި މޮޅާއެކު އަލުން އުއްމީދު އާކޮށްފައެވެ.

އުރުދުން ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވި ނަމަވެސް، އެ ޓީމުން ވަނީ އަނެއްކާވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މި ނަތީޖާއާއެކު، ގްރޫޕް ޖޭ ގެ އެއްވަނަ މަގާމު އާޖެންޓީނާ އަށް މިހާރު ވަނީ ކަށަވަރުވެފައެވެ.