ޚަބަރު

5 މިލިޔަން ގަސް ޕްރޮގްރާމް: 10 ރަށެއްގައި ނާސަރީ އަޅަނީ


  • މިހާތަނަށް 1.6 މިލިޔަން ގަސް ވަނީ އިންދާފައި

  • މިއަހަރުގެ މިހާތަނަށް 6 ލައްކަ ގަސް އިންދާފައިވޭ

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފިއެވެ. މި ނާސަރީތަކުން ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްކަމަށްވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ މަސައްކަތް ކުރާނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނާސަރީ އެޅުމަށްޓަކައި ގްރާންޓް ދީފައިވާ ރަށްތަކުގެ ކައުންސިލްތަކާއިއެކު ވަނީ ސޮއިކޮށްފައެވެ.

ގްރާންޓް ދީފައިވާ ރަށްތައް:

* ހއ. ކެލާ
* ށ. މިލަންދޫ
* ނ. ކެނދިކުޅުދޫ
* ރ. އިންނަމާދޫ
* ބ. މާޅޮސް
* އއ. މަތިވެރި
* މ. މުލި
* ތ. ކިނބިދޫ
* ތިނަދޫ ސިޓީ
* ގއ. ދާންދޫ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އައިއިރުގައި 1.6 މިލިޔަން ގަސް އިންދާފައިވާކަމަށެވެ. މިދިޔަ ރިޔާސީ ބަޔާނުގައި މިއަހަރަށް 1 މިލިޔަން ގަސް އިންދުމަށް ރައީސް ކަނޑައަޅުއްވާފައިވާއިރު އަހަރުގެ މިހާތަނަށް 6 ލައްކަ ގަސް އިންދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި އަމާޒު އަހަރު ނިމުމުގެ ކުރިން ހާސިލްވާނެކަން ފާހަގަކުރެއްވިއެވެ.

"މީގަ އަޅުގަނޑުމެން ބޮޑަށް ބަލާފައި މިއޮތީ ތަންތަން ޗޫސްކުރުމުގައި ނާސަރީއެއް އެޅުމަކީ ފުދޭވަރެއްގެ ބިމެއް ބޭނުންވާކަމެއް. ފުރަތަމަ އަޅުގަނޑުމެން ބެލީ 5000 އަކަފޫޓުގެ ބިމެއް ހުރި ތަންތަން އަދި 5000 ގެ އިތުރުން އެ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ވަކި ކަމެއް މިކަމަށް ދެވިފައި ހުރި ރަށްރަށައް. އެއާއިއެއްކޮށް ކޮންމެވެސް ވަރަކަށް މިކަން ކުރަމުންދާ ރަށްރަށައްވެސް އަޅުގަނޑުމެން ހުންނާނެ ޚާއްސަކަމެއްދީފައި. މި 10 ރަށަކީ މިއީ ފެށުމެއް. ކުރިއަށްއޮތް ތަނުގައި މި ނާސަރީތައް ފުޅާކުރަމުން ދާނަން. މިއަދު މިދެވޭ 5 ލައްކަ ރުފިޔާއަކީ ހަމަ ޚާއްސަކޮށް މިކަމަށް މި ނާސަރީ ބިނާކުރުމަށް ދެވޭ ގްރާންޓެއް. މީގަ އަޅުގަނޑުމެން މިއޮތީ ޓާގެޓްކޮށްފައި މި ގްރާންޓް ދެވޭތާ 7 މަސް ތެރޭގައި މި ނާސަރީތައް ނިންމާ އެޅުން." ވަޒީރު ވިދާޅުވިއެވެ.

މި ނާސަރީތަކުން އުފައްދާ ގަސްތައް ކައިރި އެހެން ސަރަހައްދުތަކަށް ގެންގޮސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ މިދިޔަ އަހަރު ތިމާވެށީގެ ދުވަހުއެވެ.