ޚަބަރު

ޣައްޒާގެ ރައްޔިތުން ސްޕެއިންގެ ޓީމާއެކު: ކުޅިވަރަށް ވުރެ މާނަފުން ލޯތްބެއް


ޣައްޒާ ސިޓީގެ މަޤުބޫލު ކެފޭއެއްގެ ތެރޭގައި ފުޓުބޯޅައަށް ލޯބިކުރާ ބަޔަކު ދިޔައީ ކުޑަކުޑަ ސްރީންއަކުން ސްޕެއިންއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ކުޅެމުން ދިޔަ ވޯލްޑް ކަޕްގެ މެޗު ބަލަމުންނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި ސްޕެއިންގެ ފުރަތަމަ ގޯލު، އުމުރުން އެންމެ 18 އަހަރުގެ ލަމީން ޔަމާލް ކާމިޔާބުކޮށްދިނުމާއެކު އެއްވެ ތިބި މީހުންގެ އަޑު މުޅި ތަނުގައި ގުގުމާލައިގެން ދިޔައެވެ. ދެން ކުޅުނު 35 މިނެޓުގެ ތެރޭގައި ސްޕެއިންއިން ތިން ލަނޑު ޖަހައި މެޗުން މޮޅުވުން ވެގެން ދިޔައީ ކެފޭގައި ތިބި މީހުންނަށް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ.

ސަޢުދީ ޢަރަބިއްޔާއަކީ ފަލަސްޠީނުގެ ރައްޔިތުންނާ ކިޔަންމެ ގާތް ގުޅުމެއް އޮތް ޤައުމެއް ނަމަވެސް، ސްޕެއިންގެ ފުޓުބޯޅަ ޓީމަށް ޣައްޒާގައި އޮންނަ ލޯބި ތަފާތެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ހިތުގައި ސްފެއިންގެ ޓީމަށް އޮތް ލޯތްބަކީ ހަމައެކަނި ދަނޑުމަތީގައި ސްޕެއިން ދައްކާ މޮޅު ކުޅުމާ ގުޅިފައިވާ ލޯތްބެއް ނޫނެވެ. އެ ލޯތްބަކީ، ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ސެޕެއިންއިން ގެންގުޅޭ ސިޔާސީ އަދި އިންސާނީ ސިޔާސަތުތަކުގެ ސަބަބުން ޚާއްޞަވެފައިވާ ލޯތްބެކެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޙަމަލާ ދޭން ފެށުމާއެކު ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ސްޕެއިންއިން ދިޔައީ އަޑުހަރުކޮށް ބުަނަމުންނެވެ. އަދި ޔަހޫދީންގެ ޢަމަލުތައް ހަރުކަށި އިބާރާތުން ދިޔައީ ކުށްވެރިކުރަމުންނެވެ.

ޣައްޒާ ސިޓީގައި ދިރިއުޅޭ އުމުރުން 43 އަހަރުގެ މުޙައްމަދު އަތަالله ބުނީ ސްޕެއިންގެ ފުޓުބޯޅަ ޓީމުގެ ކުލުމަމަކީ އޭނާއަށް އައު ކުޅުމެއް ނޫން ކަމަށެވެ. އެ ޤައުމުގެ ކުޅުން އޭނާ ބަލަމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޔަހޫދީންެ ޙަމަލާތަކާއެކު ސަންޗޭޒްއާއި މުޅި ޤައުމު ވެސް ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރަން ފެށުމާއެކު، ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމަށް ޣައްޒާއިން ދެމުންދިޔަ ލޯތްބަށް މުޅިން އައު މާނައެއް ލިބިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

“އަހަރެމެންނަކީ ދިރިއުޅުމަށް ލޯބިކުރާ ބައެއް. އަދި ފުޓުބޯޅައަށް ވެސް ލޯބިކުރާ ބައެއް. މިތަނުގައި އުޅޭ ގިނަ ޢަދަދެއްގެ މީހުން ޤަވާއިދުން ލަ ލީގާ ބަލާ. އަދި ސްޕެއިންގެ ޤައުމީ ޓީމުގެ މެޗުތައް ބަލާ. ނަމަވެސް ހަނގުރާމައިގެ ޙާލަތުގައި ސްޕެއިންއިން އަހަރެމެންނާމެދު ގެންގުޅުނު ވަރުގަދަ ސިޔާސަތުތަކުގެ ސަބަބުން އެ ޤައުމަކީ އަހަރެމެންނާ ވަރަށް ގާތް ބައެއް ކަމުގެ އިޙްސާސް އަހަރެމެންނަށް ކުރެވޭ،” އަތަالله ބުންޏެވެ.

ސްޕެއިން ޚާއްޞަވާ ގޮތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަތަالله ބުނީ ފަަލަސްޠީނުގެ ރައްޔިތުންނާއެކު ވާ ކަމަށް ލަމީން ޔަމާލް ބުނާ ބުނުމަކީ ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ހަނގުރާމަ ކުރިއަށް ދަނިކޮށް 2024ވަނަ އަހަރުގެ ތެރޭގައި ސްޕެއިންއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. ހަނގުރާމައިގައި ސްޕެއިންއިން ގެންގުޅުނު ސިޔާސަތު ވަކިން ޚާއްޞަކޮށް އޭނާ ފާހަގަކުރިއެވެ. ޣައްޒާގައި ޔަހޫދީން ހިންގަމުން ދިިޔަ ޖަރީމާތައް ހުއްޓައިލުމަށް ސްޕެއިންގެ ރައީސް ފެލީޕް 6 ޔަހޫދީންނަށް ގޮވައިލެއްވި ގޮވައިލެއްވުން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަތަالله ބުނީ އުނދަގޫ ޙާލަތެއްގައި ފަލަސްޠީނުގެ ފަޅިއަށް އަރައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބި ކޮންމެ ބަޔަކާ މެދު އެ ޤައުމުގެ ރައްޔިތުން ފަޚުރުވެރިވާނެ ކަމަށެވެ.

“އަހަރެެމެންގެ އުންމީދަކީ ސްޕެއިން މޮޅުވުން. އަހަރެމެން މިތިބީ ސެޕެއިންގެ ސަޕޯޓަރުންގެ ގޮތުގައި. ސެޕެއިންއަށް ސަޕޯޓު ކުރި ނަމަވެސް ސަޢުދީގެ ޤައުމީ ޓީމަށް ވެސް އަހަރެމެން އިޙްތިރާމްކުރަން،” އޭނާ ބުުންޏެވެ.

ފަލަސްޠީނާ ގުޅޭ ގޮތުން ސްޕެއިންއިން ގެންގުޅޭ ސިޔާސަތުތަކަކީ ސްފެއިންއަށް ސަޕޯޓުކުރާ މައިގަނޑު ސަބަބު ކަމުގައި ކެފޭގައި ތިބި ގިނަ މީހުން އެއްބަސްވެއެވެ.

އުމުރުން 32އަހަރުގެ ހާނީ އަބޫ ރިޒްޤް ބުނީ ސްޕެއިންގެ ޓީމަށް ޣައްޒާގައި އޮތް ތާއީދުން ދައްކުވައިދެނީ ހަނގުރާމައިގެ ޙާލަތުގައި ވެސް، އަދި ދިރިހުރުމަށް ހަނގުރާމަ ކުރަމުންދާއިރު ވެސް ޣައްޒާގެ ރައްޔިތުން ކުރިމަގަށް ކުރާ އުންމީދު ކަމަށެވެ. ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫ ދިރިއުޅުމުގެ ޙާލަތުގައި ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ހޯދޭނެ މަގަކަށް ފުޓުބޯޅަ މެޗުތައް ބަލައިލުން ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

“އަހަރެމެން ދުނިޔެއަށް ދައްކުވައިދޭން ބޭނުމީ އަހަރެމެންގެ ވަށައިގެންވާ އުނދަގޫތަކާ އެކުގައި ވެސް، ޣައްޒާގެ ރައްޔިތުންނަކީ ދިރިއުޅުމަށް ލޯބިކުރާ އަދި ފުޓުބޯޅައަށް ވެސް ލޯބިކުރާ ބައެއްކަން. ފަަލަސްޠީނާއެކު ބަޔަކު ތިބިކަން އެނގުމަކީ އެ ކަމުގެ ސަބަބުން އަހަރެމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އެއީ ސްޕެއިންގެ ސަރުކާރުގެ ފަރާތުން ލިބޭ ހިތްވަރެއް ކަމުގައި ވި ނަމަވެސް، އަދި ވަކިވަކި ކުޅުންތެރިންގެ ފަރާތުން ލިބޭ ހިތްވަރެއް ކަމުގައި ވި ނަމަވެސް އެ ކަން އޮތީ އެ ގޮތަށް”، އޭނާ ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ބާސެލޯނާއިން ލަ ލީގާ ކާމިޔާބު ކުރި މެޗުގައި ލަމީން ޔަމާލް ފަލަސްޠީނުގެ ދިދަ ދަނޑުމަތީގައި ވިހުރައިލުން ވެސް ވެގެން ދިޔައީ ޣައްޒާގެ ރައްޔިތުންނަށާއި ކުޅިވަރު ކުޅޭ މީހުންނަށް ހިތްވަރު ލިބުނު ކަމަކަށެވެ. އަބޫ ރިޒްޤު ބުނީ އެ ޤައުމުގެ ލީގުތަކުގައި ފިޔަޖަހަމުން ދިޔަ މޮޅެތި ކުޅުންތެރިން މިއަދު އާމްދަނީ ހޯދުމަށް މިހާރު ކުރަމުންދަނީ މުޅިން އެހެން މަސައްކަތްތައް ކަމަށެވެ. ހަނގުރާމައިގައި ޣައްޒާ ސްޓޭޑިއަމްތައް ސުންނާފަތިވެ، ކުޅިވަރު ޙަރަކާތްތައް ހުއްޓުމަކަށް އައިސްފައި ވާތީ ކުޅުންތެރިންނަށް މިއަދު އެ ނޫން ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ޣައްޒާގައި އިރުއިރުކޮޅުން ކަރަންޓާއި އިންޓަނެޓުގެ ޚިދުމަތް ކެނޑުނު ނަމަވެސް، އެކުވެރިން އެއްވެލައި އެކުގައި މެޗުތައް ބަލައިލުމަަށް އެ ސަހަރުގެ ރައްޔިތުން ވަގުތު ހުސްކުރެއެވެ.

އަބޫ ރިޒްޤު ބުނީ ބޮޑެތި ކުޅިވަރު މުބާރާތްތަކަކީ ފަލަސްޠީނުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ. މި ފަދަ މުބާރާތްތައް ބާއްވާއިރު ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ އުނދަގޫތައް މަތިން ދުނިޔެއަށް ހަނދާން ކޮށްދެވޭ ކަމަށް އޭނާ ބުންޏެވެ. 2022ވަނަ އަހަރު ޤަޠަރުގައި ވޯލްޑް ކަޕް ބޭއްވި އިރު ވެސް ފަލަސްޠީން ވެގެން ދިޔައީ މުހިންމު މަޢުޟޫއަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

ޣައްޒާގެ ރައްޔިތެއް ކަމަށްވާ އަބްދުالله މަސްޢޫދު ބުނީ ފުރުބޯޅައަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހިތާމަތަކާއި ކަންބޮޑުުވުންތައް ހިނދުކޮޅަކަށް ނަމަވެސް އެއްފަރާތް ކޮށްލުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ.

“ހަނގުރާމައިގައި އަހަރެމެން ދިޔައީ ބޮޑެތި ވޭންތައް ތަހައްމަލް ކުރަމުން. މި މުބާރާތުގެ ސަބަބުން އަހަރެމެންނަކީ ދުނިޔޭގެ އެހެން މީހުންނެކޭ އެއްފަދަ ބައެއް ކަމަށް އިރުކޮޅަކަށް ނަމަވެސް އަހަރެމެންނަށް އިޙްސާސްކުރެވޭ. އެހެން މީހުންނެކޭ އެއްގޮތަށް އަހަރެމެން ވެސް ފުޓުބޯޅައަށް ލޯބިކުރަން. ވޯލްޑް ކަޕްގައި ފަލަސްޠީނުގެ ޓީމު ކުޅުމަށް އަހަރެމެންގެ ވެސް ހިތް އެދޭ،” އޭނާ ބުންޏެވެ.

ފަލަސްޠީނުގެ ރައްޔިތުން ދެކޭ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނެއްގައި ފަލަސްޠީނުގެ ދިދަ ވިހުރުވާލާ ކޮންމެ ފަހަރަކީ އެ މީހުންގެ ކެކުޅުންތައް މަތިން ދުނިޔެ ހަނދާން ނުނެތޭކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ވޭނީ އާދޭހުގެ އަޑު އަހަމުންދާ ބަޔަކު ދުނިޔޭގައި ތިބިކަމުގެ އިޙްސާސް ކުރެވޭ ކަމަށް އެ މީހުން ބުނެއެވެ.