ޚަބަރު

ޢިލްމީ ބަހުސްތައް ޢާއްމުކުރުމަކީ މުސްތަޤުބަލަށް އެޅޭނެ ފިޔަވަޅެއް


  • ފިކުރީ ވިސްނުންތަކާއި އައު ހޯދުންތަކަށް މަގުފަހިވާނެ

  • ޤައުމު ބިނާކުރުމުގެ އެކި އުންސުރުތަކުގެ މިފަދަ ޢިލްމު ބޭނުންކުރެވޭނެ

ޤައުމެއްގައި ޢިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ޤައުމެއްގެ މުސްތަޤުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ފިކުރީ ވިސްނުންތަކާއި އައު ހޯދުންތަކުގެ އިތުރުން ހަރުދަނާ ލީޑަރުން ވެސް އުފެދިގެން އަންނަނީ ޢިލްމީ ބަހުސްތަކުގެ ތެރެއިން ކަމަށާއި، މަދުރަސީ ދައުރުގައްޔާއި އަދި ޔުނިވަރސިޓީ ލެވެލްގެ އިތުރުން އެހެނިހެން ލެވެލްތަކުގައި ވެސް މިފަދަ ކަންކަން އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢާއި އަޅުގަނޑުމެންގެ ވެށިން ފެންނަންހުރި ކަންކަމާމެދު ޢިލްމީ ނަޒަރަކުން ބަހުސްކުރެވި، އަންނާން އޮތް ޖީލުތަކަށް ނަމޫނާއާއި ހެޔޮގޮތް ދައްކައިދިނުމަށްޓަކައި ޢިލްމީ ބަހުސްތަކާއި ވާހަކަތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އެކި އެކި މައުޟޫޢުތަކަށް ސިކުނޑިތައް ހުޅުވާލައި، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މިފަދަ ޢިލްމީ ބަހުސްތަކުގެ އަލީގައި އައު ޢިލްމީ ހޯދުންތައް ހޯދި ގައުމު ބިނާކުރުމުގެ އެކި އުންސުރުތަކުގެ ތެރޭގައި އެފަދަ ޢިލްމީ ހޯދުންތައް ޝާމިލްކުރެވިގެން. ދުނިޔޭގައި ކުރިއެރުންތައް ހޯދި ކޮންމެ ގައުމެއްގެ ބައެއްވެސް ކުރިއަރައި ގޮސްފައިވަނީ މިފަދަ ބަޙުސްތައް އެބައިމީހުންގެ ތެރޭގައި އާލާކޮށް ފިކުރީ ވިސްނުންތައް ފުޅާކޮށްގެން." ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

ވަޒީރު ހީނާ ވަލީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، އެމްއެންޔޫގެ ޒުވާން ހިންގުންތެރި ޓީމަކީ އެކަމަނާ ފާހަގަކުރެއްވި އަމާޒުތަކަށް ވާސިލުވުމުގެ ފުރިހަމަ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބައެއްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފާއި ޝުކުރު އަދާކުރައްވަމުންނެވެ.