ޖަޕާން ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމިކޯއެވެ. ރާއްޖޭގެ ފަރާތުން އެ ސިސްޓަމާއި ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާވެ، ކާކުކަން ދެނެގަތުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ރާއްޖެ އަންނަ ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތްތައް އަވަސްވެގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
The official handover ceremony of the Facial Recognition System donated by the Government of Japan was held today at MACL Corporate Hall.
— Maldives Immigration (@ImmigrationMV) June 25, 2026
The system was formally handed over by Her Excellency Ishigami Rumiko, Ambassador of @JapaninMaldives, to the @min_mohst, Hon. Ali Ihusaan,… pic.twitter.com/fuHenkdWQP
ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ފޭޝަލް ރިކޮގްނިޝަން ސިސްޓަމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމިކޯއާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހުގެ އިތުރުން އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވި މި އެހީތެރިކަމަށް ރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފައެވެ.