ޚަބަރު

ގަރުނެއްގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުންތަކާއެކެ ވެނެޒުއެލާ ސުންނާފަތިވެފައި


ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް
ތައް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. ބިންހެލުމުގެ ކާރިޘާގައި މިހާ ތަނަށް 164 މީހުން މަރުވެފައިވާ ކަން ކަށަވަރުވެފައިވާއިރު، މަރުވި މީހުންގެ ހަޤީޤީ ޢަދަދު އެއަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އިދާރާތަކުން ބުނެއެވެ.

ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގެ ހުޅަނގަށް ރެކްޓަރ މިންގަނޑުން 7.2 އަދި 7.5ގެ ބާރުމިނުގެ ދެ ބިންހެލުން އައިސްފައިވެއެވެ. މިއީ ފާއިތުވި 100 އަހަރުގެ ތެރޭގައި ވެނެޒުއެލާއަށް އައިސްފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުމެވެ. އެ ބިންހެލުމުގެ ލޮޅުންތައް ޤައުމުގެ އެކި ސަރަޙައްދުތަކުގައި އިޙްސާސް ކުރެވިފައިވެއެވެ. އެ ބިންލުންތަކުގެ ސަބަބުން ގާތްގަނޑަކަށް 1،000އެއްހާ މީހުންނަށް އަނިޔާވެފައެވެ.

ބިިންހެލުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ކަރާކަސްގެ އިރުމަތީގައި އޮންނަ ލަ ގުއައިރާއަށެވެ. ކަރާކަސްއާ 1،050 މޭލު ދުރުގައި އޮންނަ ބްރެޒިލްގެ އެމޭޒަންގެ އިމާރާތްތައް ވެސް ލޮޅުންތަކުގެ ސަބަބުން ހުސްކޮށްފައިވެއެވެ.

ބިންހެލުމުގެ ސަބަބުން ވެނެޒުއެލާގެ އިރުމަތީ ސިޓީތަކުގައި ރައްޔިތުން ވަނީ އިމާރާތްތައް ދޫކޮށް މަގުތަކަށް ނިކުމެފައެވެ. ސުންނާފައިވެފައިވާ އިމާރާތްތަކުގެ ތެެރެއިން ޢާއިލާގެ މެންބަރެއްގެ ހިލަމެއް ވޭތޯ ގިނަ ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ.

އެމެރިކާ ހިމެނޭ ގޮތަށް އެކި ޤައުމުތަކުން ދަނީ ވެނެޒުއެލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅަމުންނެވެ. އދން ޙުއްދަ ދީފައިވާ ސާޗް އެންޑް ރެސްކިޔު ޓީމުތަކުން ވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ދަނީ އެ ދިމާލަށް ދަތުރުކުރަމުން ކަމަށް ވެނެޒުއެލާގެ ސަރުކާރުން ބުނެއެވެ. އެ ޤައުމުގެ ސަރުކާރުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ފަދަ ބަރު އުޅަނދުތައް އެ މަސައްކަތުގައި ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ވިޔަފާރިތަކުގެ ކިބައިން އެދިފައެވެ. ވެނެޒުއެލާގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އަދި ގެއްލުން ލިބިފައިވާ މަދަރުސާތަކާއި ހަސްފަތާލުތައް އަލުން އިމާރާތް ކުރުމަށް 200 މިލިޔަން އެމެރިކާ ޑޮލަރުގެ ފަންޑެއް އެ ޤައުމުގެ ސަރުކާރުން މިހާރު ވަނީ އުފައްދާފައެވެ.