މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި، ވ.ކެޔޮދޫ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު، ކެޔޮދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެޓީމުންވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީވެސް ކެޔޮދޫ ޓީމުންނެވެ. އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 23 ވަނަ މިނެޓުގައި އަޙްމަދު ރައްޔާން އާދަމެވެ. މިއީ އޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދޭން ފޮނުވާލި ބޯޅައެއް ނަމަވެސް އަމާޒުވީ ސީދާ ގޯލު ތެރެއަށެވެ.
ކެޔޮދޫ ޓީމުން ގޯލު ޖެހިތާ ގިނައިރުތަކެއް ނުވެ، މޫސުން ގޯސްވުމުގެ އިތުރުން ދަނޑުގެ ލައިޓިންގއަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން 20 ވަރަކަށް މިނެޓު ވަންދެން މެޗު މެދުކަނޑާލާފައި އޮތެވެ. އެއަށްފަހު މެޗު ކުރިއަށް ގެންގޮސްފައިވަނީ ބޯ ވިއްސާރައިގެ އިތުރުން ގިނައިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދަނޑުގައި ހެދުނު ފެންގަނޑުތަކުގެ ތެރޭގައެވެ.
މެޗު މެދުކަޑާލަން ޖެހުނު ހިސާބުން މެޗުގެ ކުޅުން ކުރިއަށް ގެންގޮސް، ފުރަތަމަ ހާފު ނިންމާލިއިރުވެސް އިތުރު ގޯލެއް ފެނިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ފެނުނު ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީންނެވެ. އެގޮތުން، ފުރަތަމަ ޕެނަލްޓީ ލިބުނީ ބުރަށެވެ. މި ޕެނަލްޓީ ގޯލުތެރެއަށް ފޮނުވާލައިގެން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައި ވަނީ އަޒްހަދު މުޙައްމަދު ޒާހިދެވެ. އޭގެ 10 ވަރަކަށް މިނެޓު ފަހުން ކެޔޮދޫއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ، އެޓީމު މެޗުން މޮޅުކޮށްދީފައި ވަނީ މުޙައްމަދު ޝައްމާހު ޞަލާޙެވެ.
މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ބައްދަލުކޮށް، މާޒިޔާއިން ވަނީ 0-8 ގެ ބޮޑު މޮޅެއް ހޯދާފައެވެ.