ރ. އަލިފުށީގައި ތަރައްޤީކުރާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން އަލިފުށީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާކަމަށްބުނެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. މިއަހަރުގެ ބަޖެޓުން އެންމެ ގިނަ މަޝްރޫޢުތައް މިހާރު ހަވާލުކުރެވިފައިވާ އަދި ހަވާލުކުރުމަށް ތާވަލުކުރެވިފައިވާ އެއް ދާއިރާއަކީވެސް ޞިއްޙީ ދާއިރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ޞިއްޙީ ނިޒާމު އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ހުރިހާ ފަރާތްތަކަކަށްވެސް ފުރިހަމަ ޚިދުމަތް ލިބޭނެ ފަދަ ވަށާޖެހޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. ބައެއް މަޝްރޫޢުތައް ބޭނުންވާ މިންވަރަށް ބާރުމިނުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ރ. އަލިފުއްޓަކީ ސަރަޙައްދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވުމާއެކު، އެ ރަށުގެ އެއާޕޯޓާއި ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނޭހެން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކަކީވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރިއަށްގެންދާނެ ކަންކަން ކަމަށެވެ.
"ދެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި. އެމްޓީސީސީއަށް ބޭނުންވާ ސާމަނު ގަތުމަށް ބޭނުންވާ ފައިނޭންސް ވަނީ ހަމަޖެހިފައި. މާ ލަސްތަކެއްނުވެ އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއަށް ބޭނުންވާ ސާމާނު ހޯދާ މަސައްކަތް ފެށިގެންދާނެ. މި ދެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމާ ހުޅުވާނަން." ރައީސް ވިދާޅުވިއެވެ.
ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތްތައް ނިންމުމަށްޓަކައި ޚާއްސަ ތާވަލެއް އެކުލަވައިލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދައުރުގެ އެކި ދުވަސްވަރުތަކަށް ބަހާލައިގެން އެ މަޝްރޫއުތައް ނިންމުމަށް އަމާޒު ހިފާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަލިފުށީގައި މިހާރު ޚިދުމަތް ދެނީ ޞިއްޙީ މަރުކަޒަކުންނެވެ. ހޮސްޕިޓަލް އިމާރާތާއެކު ޖާގަ ތަނަވަސްވެ، އަލުފުށީގައި ސްޕެޝަލިޓީ ޑޮކްޓަރުންގެ ޚިދުމަތް ފުޅާވެގެންދާނެއެވެ.
އަލަށް އިމާރާތްތަކުރާ ހޮސްޕިޓަލްތަކަކީ ކޯވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިގޮތަކަށް އޮންނަ ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. މިހުވަފެން ޙަޤީޤަތަކަށް ހެދުމަށް އެރަށުން 50.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެތެރެއިން %80 ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާޕޯޓު ހެދުމަށެވެ. އަނެއް %10 ބިން ބޭނުންކުރާނީ 3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލިފުށްޓަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ އިތުރުން އެރަށުގެ އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމަށެވެ.
1200 މީޓަރުގެ ރަންވޭއަކާއި އެޕްރަންއާއި ޓެކްސީ ވޭއަކާއި އެއާޕޯޓުގެ މަގުތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޓާމިނަލް އިމާރާތާއި، ފަޔަރ ބިލްޑިންގ ތަރައްޤީކޮށް އަލިފާން ނިއްވާ ވަޞީލަތް ޤާއިމުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 426.05 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.