ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ 32 ޓީމުގެ ބުރުގައި ނެދަލަންޑްސް އާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބު ކުރުމާއި އެކު އެޓީމަށް އެންމެންގެ އިހްތިރާމް ލިބިއްޖެކަމަށް އެޓީމުގެ ކޯޗު މުހައްމަދު އުއަހްބީ ބުނެފިއެވެ.
އުއަހްބީ މިހެން ބުނެފައިވަނީ ނެދަލަންޑްސް އާއި ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވެ އިތުރު ވަގުތުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން 3 ލަނޑު 2 ލަނޑުން މޮޅުވުމަށްފަހު ބޭއްވި ނޫސްެވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަމުންނެވެ.
އުއަހްބީ ބުނީ މޮރޮކޯގެ އެކި އުމުރު ފުރާގެ ޓީމުތަށް އަންނަނީ ބައިނަލްއަޤްވާމީ ލެވެލްގައި ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރަމުންނެވެ. މޮރޮކޯ ވަނީ އެންމެ ފަހުން ޤަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެންމެ ފަހުގެ އެފްރިކާގެ ޗެމްޕިއަނުންނަކީވެސް މިހާރު ބުނެވޭގޮތުގައި މޮރޮކޯއެވެ.
އުއަހްބީ ބުނީ މިމެޗުގައި ނެދަލަންޑްސް އިން އެހާބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅޭނެ ކަމަށް އޭނާ ހީނުކުރާ ކަމަށާއި އަދި މިކަމުގެ ސަބަބުން އޭނާއަށް ހައިރާންކަން ލިބިގެންދިޔަ ކަމަށެވެ.
އޭނާއަށް އެންމެ ބޮޑަށް ހައިރާންކަން ލިބިގެންދިޔަައީ ނެދަލަންޑްސް އަކީ ބޯޅަ ހިފަހައްޓައިގެން ވަރަށް ރީތި އެޓޭކިންގ ފުޓްބޯޅަ އެއް ކުޅުމަށް އަބަދުވެސް މަޝްހޫރު ޓީމެއް ކަމަށެވެ. އަދި ނެދަލަންޑްސް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް އޭނާ ގަބޫލް ކުރާގޮތުގައި ނެދަލަންޑްސްއިން އެގޮތަށް ކަންކުރީ ކޮރޮކޯއަށް ކުރި އިހްތިރާމެއްގެ ގޮތުންކަމަށް ގަބޫލް ކުރާ ކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނެދަލަންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މިފަހަރުގެ މުބާރާތުގައި ނެދަލަންޑްސް އިން ޖަޕާނާއި ޓިއުނީޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފައިވަނީ ފަހަތުގައި ފަސް ކުޅުންތެރިން ތިބެގެން ކަމަށާއި އަދި މިމެޗުގައި އެކަން ކޮންމެވެސް ވަރަކަށް ރަސްމީވެގެންދިޔައީކަމަށެވެ.
މިއީ ދިފާއަށް އިސްކަންދީގެން ކުޅުމުގެ ގޮތުން ކުރި ކަމެއް ކަމަށާއިި އަދި އެކަމާއި މެދު އެހެން ފަރާތްތަކުން ވިސްނާ އެއްޗަކާއި މެދު އެއްވެސް ފަރުވާލެއް ނެތް ކަމަށް ކޫމަން ބުންޏެވެ. އަދި އޭނާއަށް ދެވަނަ ފަހަރަށް މިމެޗު ކުޅެން ޖެހުނު ނަމަވެސް ކަންކުރާނީ އެގޮތަށް ކަމަށް ކޫމަން ހާމަކުރިއެވެ.
ކޫމަން ބުނީ މިމެޗު ނިމިނިމި އޮށްވާ މޮރޮކޯއިން ލަނޑެއް ނުޖެހި މިމެޗުން ނެދަލަންޑްސް މޮޅުވިނަމަ މިހާރު އެންމެން އޭނާއަށް ތައުރީފް ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު މެޗުން ބަލިވުމުން އެންމެންގެ ފާޑު ކިޔުން އޭނާއަށް އަމާޒުވަނީ ކަމަށެވެ.
ނެދަލަންޑްސް އިން މިމެޗުގައި ޑިފެންސަށް އިސްކަންްދީގެން ނުކުޅުނު ނަމަ އިތުރު ވަގުތާއި ހަމައަށްވެސް ނުދިޔައީސް ކަން ކޫމަން ފާހަގަ ކުރިއެވެ. އަދި ނޫސްވެރިން މެޗު ބަލަނީ ބޭރުގައި ތިބެގެން ކަމަށާއި ނަމަވެސް ޓީމުގެ އެތެރޭގެ ކަންތައްތައް އެނގޭނީ އޭނާއަށް ކަމަށާއި އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތައްވެސް އެނގޭނީ އޭނާއަށް ކަމަށެވެ. މިގޮތުން މިއީ އޭނާ ރަނގަޅު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ނެދަލަންޑްސްގެ ކޯޗު ހާމަކުރިއެވެ.