ޚަބަރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ފަށަނީ


  • ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް 2027 ނޮވެމްބަރަށް ނިންމާލެވޭނެ

  • ތިލަފުށީގައި މިހާރު ކޮންޓެއިނަރ ޑީޕޯއެއް ވަނީ ތަރައްޤިކޮށްފައި

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢިދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކޮންސިއުމަރ ޑިމާންޑް އިތުރުވަމުން އައި މިންވަރާއި ބަލާ ޕޯޓު މައްސަލައެއް ހައްލެއް ގެނައުމަށް މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ޒަމާނީ ޕޯޓެއް ޤާއިމް ކުރުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ރާއްޖޭގެ މެރިޓައިމް ދައިރާގެ ކުރިއެރުވުމަށް އުމްރާނީ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއް ނަމެވެސް ކޮންސިއުމަރ ޑިމާންޑް އިތުރުވި މިންވަރަށް ސީ ޕޯޓު ތަރައްޤީ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ އާބާދީ އިތުރުވެ، ރާއްޖެއަށް 2 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން އަންނަކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ޑިމާންޑާ އެއްވަރަށް ޕޯޓު ތަރައްޤީނުވެ އޮތް ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ފުޅާދައިރާއެއްގައި ރާއްޖޭގައި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށްދޭ. އެއީ ރާއްޖޭގެ ޔޫއެސްޕީއަކީ، ފަތުރުވެރިކަމޭ ބުނާއިރު އެ އިންޑަސްޓްރީ އަބަދުވެސް ކުރިއަރައި މިދަނީ، ސަރުކާރުން ހިންގާ ޕްރައިވެޓް މަޝްރޫޢުތަކާއި ޕްރައިވެޓް ވިޔަފާރިތަކުން ކުރާ އެކި ކަހަލަ މަޝްރޫޢުތަކާއެކު 2.4 މީހުންނަށް އިންނަ ޑިމާންޑް ވަރަށް ބޮޑުތަން އުފުލިއްޖެ މީގެ 40 އަހަރާއި އަޅާބަލާއިރު. އެކަމަކު އަދިވެސް މި އިންނަނީ މީގެ 40 އަހަރު ކުރިން ހެދި ޕޯޓު. " ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިހާރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާއިރު، މި ދެ މަސައްކަތް އެހެން ބައެއް ޤައުމުތަކުގައި ކުރިއަށް ގެންދަވަނީ އެކުއެކީގައި ކަމަށް ވިދާޅުވެފައެވެ. ވަޒީރު ސަޢީދު ވިދާޅުވީ ސަރުކާރުން ހަމައެކަނި ޕޯޓެއް މުހިންމު ކަމަށް ބުނެ ނިންމާ ނުލާކަމަށާއި މިކަމުގެ ޢަމަލީ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން ޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ނޮވެމްބަރަށް ނިންމާލެވޭނެ ކަމަށް އިޤްތިޞާދީ ވަޒީރު ހާމަކުރެއްވިއެވެ.

"ކުރަން ސަރުކާރަކުން ނިންމީމަކުރެވޭނީ، އެހެންވީމަ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެކަން ކުރަން ނިންމެވީ. އެކަން ކުރަން ނިންމެވީމަ 6 ޖުލައިގައި އެތަނުގެ ބިންގާއަޅައި، 2027 ނޮވެމްބަރ މާލޭ ކޮމާޝަލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރެވި ނިންމުމުގެ މަސައްކަތް ކުރަނީ. އެހެންވީމަ ހައްލު ހޯދުން މުހިންމޭ ބުނެފަ ނިންމާލަނީއެއް ނޫން. މިއޮތް ހުރިހާ ޗެލެންޖެއްގެ ތެރެއިން، ފިޒިކަލީ ޕްރެކްޓިކަލީ ކުރިއަށް އެދަނީ. މިހާރުވެސް ކުރިއަށް އެބަދޭ." އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މާލެ ވިޔަފާރި ބަނދަރުގެ ބިންގާ އެޅުން ކުރިއަށް އޮތްނަމަވެސް، މިހާރުވެސް ޕޯޓުގެ ޚިދުމަތްތަކަށް ލުއި ހޯދުމަށް، ތިލަފުށީގައި ބައެއް މަސައްކަތް ކުރެވޭކަން ސަރުކާރުން ފާހަގަކުރެއެވެ. އެގޮތުން މިވަގުތުވެސް ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާނެ ޖާގައެއް ތަރައްޤީކޮށް ބޭނުން ކުރަން ވަނީ ފަށާފައެވެ.