އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލިކަމުގެ ކުށް ސާބިތުވެފައިވާ އޭނާގެ ފިރިިމީހާ މާވިން އެސް.ވައި. ވަރގަސް، 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މާވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ، މިދިޔަ މަހުގެ 22 ގައެވެ. އޭގެ ފަހުން އޭނާ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އޭނާ މައްޗަށް ވަނީ ހުކުމް އިއްވާފައެވެ. މާވިންގެ މައްޗަށް އުފުލީ ދައުވާއަކީ އެނގިހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. ދައުލަތުން އެދުނީ އަދަބުގެ ދަރަޖަ މަތިކޮށް 25 އަހަރަށް ޖަލަށް ލުމަށެވެ. މިމައްސަލާގައި މާވިން އެދިފައިވަނީ އޭނައަށްވީ އެންމެ ކުޑަ އަދަބެއް ދިނުމަށެވެ.
ބުދަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ޤާޒީ މުޒައްމިލް ނާސިރު ނިންމެވީ މާވިންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކޮށް، 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ހުކުމް އިއްވުމުގައި އަދަބު ދަރަޖަ މަތިކުރުމަށް ރިއާޔަތް ކުރި ސަބަބުތަކުގެ ތެރޭގައި މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލުމާއި އެ މަރު ފޮރުވަން މާވިން މަސައްކަތް ކޮށްފައިވުން ޤާޒީ ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާގެ މި އަމަލުގެ ސަބަބުން އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާކަންވެސް ހުކުމުގައިވަނީ ފާހަގަކޮށްފައެވެ.
އެ މައްސަލާގައި މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި 4 ދުވަސް ވަނީ ވެފަ އެވެ. އެހެންކަމުން ޖަލު އަދަބުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ.
މި މައްސަލާގައި މާވިންގެ އިތުރުން އޭނާގެ ލޯބިވެރިޔާ، އަދި އެކުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާކުރެއެވެ. ލަމްހާއަށް ދައުވާކުރަނީ މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށްވެސް ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމަވާފައެވެ.