ޚަބަރު

ހިމަބިހި ފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ މުހިންމު!


  • ވޭތުވެދިޔަ ހަފްތާގައި 44 ކޭސް ފެނިފައިވޭ

  • އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށްދައްކަން ޖެހޭ

  • ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ ޞައްޙަ މަޢުލޫމާތު ހިއްސާކުރަންޖެހޭ

ހިމަބިހި ނުވަތަ މީސަލްސްއަކީ އެންމެ ފަސޭހައިން ފެތުރޭ ގައިގަޔަށް އަރާ އެއް ބާވަތުގެ ބައްޔެވެ. ހިމަބިހި ޖެހިފައިވާ މީހަކު ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުން ވައިގެ ތެރޭގައި މި ވައިރަސް ހަރުލާފައި 2 ގަޑިއިރު ހުރެއެވެ.

ރާއްޖެއަކީ މި ބަލި ކާމިޔާބުކަމާއެކު ނައްތާލި އެއް ޤައުމެކެވެ. ނަމަވެސް މިއަހަރުގެ މޭ މަހުން ފެށިގެން ހިމަބިހީގެ ކޭސްތަކެއް އަނެއްކާވެސް މިވަނީ ރާއްޖެއިން ފެނިފައެވެ. މިއަހަރު 66 ކޭސް ފެނުނުއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނި 44 ކޭސް ވަނީ ދެނެގަނެވިފައެވެ.

ހިމަބިހި އައުޓްބްރޭކާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިވަނީ މޮނިޓަރިންއާ ވެކްސިނޭޝަން ވަރުގަދަކޮށް، އަދި އާއްމު ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ހިމަބިހީގެ އަލާމަތްތައް:

• ހުންއައުން
• ރޯގާޖެހުން
• ކެއްސުން
• ލޯ ރަތްވުން
• ގައިގައި ރަތް ބިހިތަކެއް ނެގުން

އާއްމުކޮށް ބިހިތައް ފުރަތަމަ ނަގަނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހި ނަގައެވެ. ހިމަބިހި ޖެހި ބޮޑުވަރުވެއްޖެނަމަ ނިއުމޯނިއާއި ސިކުނޑީގެ މައްސަލަތަކަށްވެސް ހުށައެޅެއެވެ.

ބަލި ފެތުރެނީ ކިހިނެތް؟

ވައިރަސް ވައިގެތެރޭގައި 2 ގަޑިއިރު ހަރުލާފައި ހުރެއެވެ. ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަންގައިގައި އަތްލުމުން މި ބަލި ފަސޭހަކަމާއެކު ފެތުރެއެވެ.

ހިމަބިހި ޖެހިވާ މީހެއްގެ ގައިން އެހެން މީހަކަށް ބަލި ފެތުރެނީ ގައިގައި ބިހި ނެގުމުގެ 4 ދުވަސްކުރިން އަދި ބިހި ނަގާ ދުވަސް އަދި ބިހި ނެގުމަށްފަހު 4 ދުވަހާ ހަމައަށް އޮތް މުއްދަތުގައެވެ. އެއީ 9 ދުވަހުގެ މުއްދަތެވެ. ގައިގައި ބިހި ނެގުމުގެ އަލާމަތް ފެނިއްޖެނަމަ، ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކާ، އެކަހެރިވާންވާނެއެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ މަޢުލޫމާތު ވީހާވެސް އަވަހަށް ކަމާގުޅޭ ފަރާތްތަކަށް ހުށައަޅަންވާނެއެވެ. އަދި ކޮންޓެކްޓުންގެ މި މަޢުލޫމާތު ހުރިނަމަ، އަމިއްލަ އިސްނެގުމުގައިވެސް އެކަހެރިވި، އެހެން މީހުންނަށް ބަލި ނުފެތުރޭނެހެން ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

• މީސަލްސް ވެކްސިގެ 2 ޑޯޒް ފުރިހަމަކުރުން
• ސައިބޯނިލައިގެން އަތް ދޮވުން
• ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ނިވާކުރުން
• ހިމަބިހީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން

ރާއްޖޭގައި މިފަހަރުގެ އައުޓް ބްރޭކްގައި ސިވިއަރ ކޭސްއެއް ނެތްކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގެ ބޮޑު އާބާދީއަކީ ވެކްސިން ފުރިހަމަކޮށްފައިވުންކަމަށް އެޗްޕީއޭއީން ފާހަގަކުރެއެވެ.

ހިމަބިހި އައުޓްބްރޭކާ ގުޅިގެން އަޅާ ފިޔަވަޅެއްގެގޮތުން، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކޭނެ ވަކި އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.