ޚަބަރު

ލޭއޮހޮރުވުމުގެ ފުރުޞަތު ޔަހޫދީންނަށް ދީގެން ނުވާނެ: ޢުރުދުޣާން


ހަނގުރާމަ ކުރުމަށް ދެވިހިފައިވާ ޔަހޫދީ ސަރުކާރަށް މުޅި ސަރަޙައްދުގައި ލޭ އޮހޮރުވުން ހިންގުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް ޢުރުދުޣާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ރައީސް ޝެހްބާޒް ޝަރީފްއާ އެކުގައި ތުރުކީވިލާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޢުރުދުޣާން ވިދާޅުވީ އެމެރިކާއާއި އީރާނާ ދެމެދު ޞުލްޙަ ޤާއިމްކުރުމަށް މަގުފަހިކުރުމަށް ވެފައިވާ އެއްބަސްވުން ފަސާދަކުރުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތް ގާތުން ބަލަމުންދާ ކަަމަށެވެ. ބަޑިބޭހާއި ލޭގެ ވަހުން މެދުއިރުމަތީގެ ސަރަޙައްދު އެއްވަސް ކުރުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢުރުދުޣާން ވިދާޅުވީ ތުރުކީވިލާތުން އެދެނީ ސަރަޙައްދީ ހުރިހާ ޤައުމެއްގެ މީހުންނަށް ވެސް ހަމަޖެހުމާއި ސަލާމަތްތެރިކަމާއެކު ދިރިއުޅެވޭނެ ފަދަ މާހައުލެއް އޮތުމަށް ކަމަށެވެ. އެ ފަދަ މާހައުލެއްގައި ކޮންމެ ދީނެއްގެ މީހެއް ނަމަވެސް އަމާންކަމާއެކު ދިރިއުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރަޙައްދީ ޤައުމުތަކުގެ އެއްބާރުލުމާއި ޙިއްޞާއިން ބާރު ނުލިބޭ އެއްވެސް ޙައްލަކީ ދާއިމީ ޙައްލަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމާއި ތަނަވަސްކަން ހަރުދަނާކުރުމަށްޓަކައި އަޚުވަންތަ ޤައުމުތަކާއެކު، ޚާއްޞަކޮށް ޕާކިސްތާނާއެކު، މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޢުރުދުޣާންއާއި ޝެހްބާޒްއާ ދެ ބޭފުޅުން ތުރުކީވިލާތާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދު އޮތް ގުޅުމުގެ އިތުރުން ސަރަޙައްދީ އަދި ދުނިޔޭގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޢުރުދުޣާން ވިދާޅުވިއެވެ. ޕާކިސްތާން މެދުވެރިވެ އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އިބްދިދާޢީ އެއްބަސްވުމުގެ ސަބަބުން މުޅި ދުނިޔެއަށް އުންމީދު އަައުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަން ޙާޞިލް ކުރުމުގައި ޕާކިސްތާނުން ޢަދާ ކުރި ދައުރު ފާހަގަކުރައްވައި އެ ކަމަށް އޭނާ ވަނީ ޝުކުރު ޢަދާކުރައްވައިފައެވެ.

ސަރަޙައްދީ ހަމަޖެހުމަށް ދެއްވާ އިސްކަން ތަކުރާރުކުރައްވައި ޢުރުދުޣާން ވިދާޅުވީ ތުރުކީވިލާތުން އަބަދުވެސް ސަރަޙައްދީ ނުތަނަވަސްކަން ނައްތައިލުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ކަން ޙާޞިލްކުރުމަށް ކުރާ ކޮންމެ މަސައްކަތެއްގައި ތުރުކީވިލާތުން ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.