ކައިރި ކައިރީގައި އިންތިޚާބުތައް ބޭއްވުމަކީ އަދިވެސް ޙައްލެއް ބޭނުންވާ މައްސަލައެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ، ޚަރަދާއި ކުރަންޖެހޭ މަސައްކަތުގެ ގޮތުން ބެލިނަމަވެސް ކައިރިކައިރީގައި އިންތިޚާބުތައް ބޭއްވުމަކީ ނިޒާމީ ގޮތުން ބަލާއިރު ބުރަ ބޮޑު ކަމެއް ކަމަށެވެ. އަދި ޤާނޫނުހަދާ މެމްބަރުން އެކަމާއި މެދު ވިސްނާލުން މުހިންމު ކަމަށް ޝަކީލު ވިދާޅުވިއެވެ.
އީސީއަކީ، ތަންފީޒީ އިދާރާއެއް ކަމަށްވުމާއިއެކު އިންތިޚާބުތައް ބޭއްވުމުގައި މަޖިލީހުން އެކުލަވާލާ ޤާނޫނުތަކަށް އެ ކޮމިޝަނުން ފުރިހަމައަށް ތަބާވާނެ ކަމަށް ޝަކީލު ވިދާޅުވިއެވެ. ކައިރިކައިރީގައި އިންތިޚާބުތައް ބޭއްވުމަށް ޙައްލެއް ހޯދުމަކީ، އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަކުރެވި، އެ ފައިސާއިން ރައްޔިތުންނަށް ފައިދާ ހުރި އެހެން ކަންކަން ކުރުމަށް މަގުފަހިވާނެ ކަމެއްކަންވެސް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.
"އިންތިޚާބަށް ހޭދަކުރާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި އެ ފައިސާ ރައްޔިތުން ބޭނުންވާ އެހެން ކަމަކަށް ހޭދަކުރެވޭނެ." ޝަކީލު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާއި ޤާނޫނުތައް އިސްލާޙުކޮށްފިނަމަ އިންތިޚާބުތައް އެކުގައި ބާއްވާނެ ކަމަށް ޝަކީލު ވިދާޅުވިއެވެ. ޝަކީލު މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށް ރައްޔިތުން ވަނީ ނިންމާފައެވެ. އިންތިޚާބުތައް އެއްކޮށްލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި 148،859 މީހުން ވަނީ، އެ ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް ވޯޓު ދީފައެވެ.