ޚަބަރު

ދަރަނީގެ އިންޓްރެސްޓާ ނުލާ އާމްދަނީން ޚަރަދުތައް ހަމަޖައްސައިފި


  • އާމްދަނީގެ ގޮތުގައި 22.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައި

  • ދައުލަތުގެ ޚަރަދުތައް ހުރީ، 23.3 ބިލިޔަން ރުފިޔާގައި

  • ޕްރައިމަރީ ސާޕްލަސް ހުރީ 1.7 ބިލިޔަން ރުފިޔާގައި

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް ހުރި ގޮތަށް ބަލާލާއިރު، ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ބޮޑުވެފައިވާކަމަށް ދައްކައެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ، މުދަލުގެ އަގު ހިފެހެއްޓުމަށް ސަބްސިޑީއަށް ކުރި ޚަރަދުތައް އިތުރުވުމުންނެވެ.

ކޮންމެ ހަފުތާއަކުވެސް ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓަށް ބަލާލާއިރު، އަހަރުގެ ފުރަތަމަ 6 މަސް ނިމުނުއިރު ބަޖެޓު ވަނީ ދަރަނިވެފައެވެ. އަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމުނުއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި 22.4 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

މިމުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ، 23.3 ބިލިޔަން ރުފިޔާގައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ، 19.2 ބިލިޔަން ރުފިޔާގައެވެ. އެހެންކަމުން ޖުމްލަ ބަޖެޓް 975.9 މިލިޔަން ރުފިޔާއިން ދަރަނިވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކައެވެ.

ދައުލަތުގެ ބަޖެޓު ދަރަނިވުމުގައި މާލީ ވުޒާރާއިން ފާހަގަކޮށްފައިވަނީ، މައިގަނޑު ދެ ސަބަބެކެވެ. އެއް ސަބަބަކީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގު ހިފެހެއްޓުމަށް ސަބްސިޑީއަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވުމެވެ. ސަބްސިޑީ ޚަރަދުތަކަށް މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 1.4 ބިލިޔަން ރުފިޔާ ޚަރަދުކުރިއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރި ޚަރަދުވަނީ 2.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، 92 އިންސައްތައިގެ އިތުރުވުމެއް ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޚަރަދުތައް ބޮޑުވުމުގެ ދެވަނަ ސަބަބަކީ، ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުސާރައަށް ކުރި ޚަރަދުތައް އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މުސާރައަށް ކުރި ޚަރަދުވަނީ، 7.2 ބިލިޔަން ރުފިޔާއިން 7.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މުސާރައާއި އިނާޔަތަށް ކުރާ ޚަރަދު ބޮޑުވެފައިވަނީ، ޕޭ ހަމަނައިޒޭޝަންގެ ދަށުން އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ މުސާރަ އެއް ހަމަނުކުރެވިވާ މުވައްޒަފުންނަށް މޭއި މަހުގެ ނިޔަލަށް މުސާރަ އެއްހަމަ ކުރުމުންނެވެ. މުސާރައާއި އިނާޔަތަށް އައި ބަދަލުން ސިވިލް ސަރވިސްގެ މުސާރައިގެ އިލްތިޒާމުތައް ހަމަހަމަކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

ބަޖެޓު ދަރަނި ބޮޑުވިނަމަވެސް ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ޓެކްސް އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު ފުރަތަަމަ 6 މަސް ދުވަހު ބޮޑެވެ. އެންމެ ބޮޑު ފަރަޤެއް އައިސްފައިވަނީ، ޓެކްސް އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ޓެކްސް އާމްދަނީއަށް ފުރަތަމަ 6 މަހުގެ ނިޔަލަށް 17.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 15.2 ބިލިޔަން ރުފިޔާއެވެ. ޓެކްސް އާމްދަނީން މިހާ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ، ވިޔަފާރި އަދި ޕްރޮޕަޓީ ޓެކްސްއިން ލިބުނު ކުރިއެރުމާއެކުއެވެ.

ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއި، މި މުއްދަތުގެ ތެރޭގައި އާމްދަނީން ނެގޭ ޓެކްސް ދެއްކުމުގެ ސުންގަޑި އައިސްފައިވުމުގެ ސަބަބުން، އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ކޯޕަރޭޓް އިންކަމް ޓެކްސްއިންނެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.7 މިލިއަން ރުފިޔާ ނުވަތަ 6.2 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި މިއަހަރު ޖުމްލަ 373.6 މިލިޔަން ޑޮލަރު ހޯދުމަށް ބަޖެޓުގައި ޖަހާފައިވާއިރު، އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ބަޖެޓް ކުރިވަރަށްވުރެ އިތުރަށް، 60.6 މިލިޔަން ޑޮލަރު ވަނީ ހޯދާފައެވެ. އެގޮތުން ފުރަތަމަ 6 މަސް ދުވަހުގެ ނިޔަލަށް 434.2 މިލިޔަން ޑޮލަރު ހޯދާފައިވެއެވެ.

ޚަރަދުތައް އިތުރުވެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ދަނަރި ބޮޑުވި ނަމަވެސް މާލީ ވުޒާރާއިން ދޭ ޔަޤީން ކަމަކީ، ދައުލަތަށް ލިބޭ އާމްދަނީ އާންމު ޚަރަދުތައް ހަމަޖެއްސޭނެ ކަމެވެ. އެގޮތުން ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވެއެވެ. މިއީ، ދަރަނި އަދާކުރުމާއި އިންޓްރެސްޓުގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެކެވެ.