ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސް، ސައުދީ ސަފީރާ ބައްދަލުކުރައްވައިފި


  • ފުލުހުންގެ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް މަޝްވަރާކުރެއްވި

  • ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަޙްތާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ފުލުހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ. އެގޮތުން، ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ އިތުރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ތަޙުޤީޤުގެ ދާއިރާއާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީނުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.