އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޠާރިޤް އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އަރުއްވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ޤަސްރު އަލް ވަތަންގައެވެ.
ޠާރިޤް އިބްރާހީމުގެ ފަތްކޮޅު ޔޫއެއީގެ ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޔޫއޭއީގެ ރައީސް ވަނީ ސަފީރުގެ ދައުރު ފެށުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި ސަފީރު ކަމުގެ ދައުރުގައި ކާމީޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ސަފީރު ޠާރިޤު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހިރައްޔިތުންގެ ފަރާތުން ޔޫއޭއީގެ ރައީސާއި އެޤައުމުގެ ރައްޔިތުންނަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. ސަފީރު ޠާރިޤުގެ ވާހަކައިގައި ވަނީ ސަފީރު ކަމުގެ ދައުރުގައި ދެ ޤައުމުގެ އަޚުވަންތަ ގާތްގުޅުން އިތުރަށް ބަދަހިކޮށް އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 15 މާރިޗު 1978 ވަނަ އަހަރުއެވެ. ސަފީރު ޠާރިޤު އަކީ ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި 7 ވަނަ ސަފީރެވެ.