ފީފާގެ ތާރީހްގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލް މެޗެއްގެ ހާފް ޓައިމް ޝޯ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ހާފް ޓައިމްގައި ބާއްވާ 11 މިނެޓްގެ ޝޯގައި ދުނިޔޭގައި ފާހަގަ ކޮށްލެވޭ ފަންނާނުންގެ ޓީމެއް ބައިވެރިވާނެކަމަށް ވެއެވެ. މިޝޯ ފީފާއިން އިންތިޒާމް ކޮށްފައިވަނީ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ ގްލޯބަލް ސިޓިޒެން އާއި ގުޅިގެންނެވެ.
ގްލޯބަލް ސިޓިޒެންގެ ސީއީއޯ ހިއު އިވާންސް މަޢުލޫމާތުދޭގޮތުގައި މިޝޯގައި މިޔުޒިކް ފަންނާނުންކަމަށްވާ މެޑޯނާ، ބަރނާ ބޯއިސް އާއެކު ޝަކީރާ، ބީޓީއެސް، ޖަސްޓިން ބީވަރ، ގުސްޓާވޯ ޑުޑަމެލް އަދި ޕީއެސް 22 ގެ ކޯރަސް އާއެކު ކޯލްޑް ޕްލޭ ފެނިގެންދާނެއެވެ. 11 މިނެޓްގެ މިޝޯގައި ބައިވެރިވާ ފަންނާނުންގެ ޓީމު އެކުލަވާލާފައިވަނީ ކޯލްޑް ޕްލޭގެ ކްރިސް މާޓިންއެވެ.
އިވާންސް ބުނީ އޭނާ މިޝޯއަށް ކެތްތެރިކަން ކުޑަވެފައިވާކަމަށާއި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ފައިނަލް 1.5 ބިލިއަން މީހުން ބަލާފައިވާކަމަށާއި މިއީ އެމެރިކާގައި 13 ސުޕަރ ބޯލް ބަލާހާ މީހުން ކަމަށެވެ. އެހެން ކަމުން މިއީ އިންތިހާއަށް ބޮޑު އިވެންޓަކަށް ވެގެންދާނެކަމަށެވެ. އަދި މިއީ މުޅި ދުނިޔެ އެކަތިގަނޑަކަށް ވާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އިވާންސް ބުނީ މިއީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓް ކަމަށާއި އަދި އެއާއެކު މިއީ ބޮޑު ސަގާފީ އިވެންޓެއް ކަމަށެވެ. އަދި މިޔުޒިކަކީ އެންމެން ގުޅުވައިދޭ ވަސީލަތެއްގެގޮތުގައި އިވާންސް ސިފަކުރިއެވެ.
މިކަމަށް މީހުން ކިޔާ ފާޑު ކިޔުންތަކަށް ރައްދުދެމުން އިވާންސް ބުނީ ބައެއް ފަރާތްތަކުން މިއީ ކުޅިވަރު އެމެރިކަނައިޒޭޝަން ކުރަނީކަމަށް ބުނިނަމަވެސް އޭނާ އެކަން ގަބޫލް ނުކުރާ ކަމަށެވެ. މިގޮތުން އޭނާ އަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށާއި މިޝޯގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ހިމެނެނީ ލެޓީން އެމެރިކާ، އެފްރިކާ އަދި ޔޫރަޕަށް ނިސްބަތްވާ ރައްޔިތުންކަމަށެވެ. އެހެން ކަމުން މިއީ މުޅި ދުނިޔެ ރަމްޒުކޮށްދޭ އިވެންޓެއްގެގޮތުގައި އޭނާ ސިފަކުރެއެވެ.
ވަރަށް ހާއްސަ މަގްސަދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޝޯގެ ޕްރޮޑަކްޝަން މަސައްކަތުގައި ލައިވް ނޭޝަން އެންޑް ޑަން ޕްލަސް ޑަސްޓަޑްވެސް ބައިވެރިވާނެކަމަށްވެއެވެ. ބުނެވޭގޮތުގައި މިޝޯ ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ގްލޯބަލް ސިޓިޒެންއިން ކުރިއަށްގެންދާ އެޑިއުޝަން ފަންޑަށް ފައިސާ ހޯދުމެވެ. މިގޮތުން މިޝޯއިން 100 މިލިއަން އެމެރިކާ ޑޮލަރު ފަންޑްގެ ގޮތުގައި ހޯދުމަށްވަނީ ކަނޑައެޅިފައެވެ. ގްލޯބަލް ސިޓިޒެން އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދިންނަށް ތައުލީމާއި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ޖަމިއްޔާއެކެވެ. މިގޮތުން މިޝޯއަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ ބޮޑެތި ކޯޕަރޭޓް ތަކުގެ އިތުރުން ފީފާއިން ވިއްކާ ކޮންމެ ޓިކެޓަކުން އެއް ޑޮލަރު ލައިގެންނެވެ. މިގޮތުން މިހާރުވެސް 50 މިލިއަން އެމެރިކާ ޑޮލަރު ޖަމާކުރެވިފައިވާކަމަށް މިކަން އިންތިޒާމް ކުރާ ފަރާތްތަކުން ހާމަކުރެއެވެ. އަދި ބާކީ ހުރިބައި ހޯދުމަށް އިވާންސް ވަނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވެސް ޑޮނޭޓް ކުރުމަށް ގޮވާލާފައެވެ.
ގްލޯބަލް ސިޓިޒެން އުފައްދާފައިވަނީ 2008 ވަނަ އަހަރު ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެގޮތުގައެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިޖަމިއްޔާއިން އަންނަނީ ކޮންމެ އަހަރު މިޔުޒިކަލް ފެސްޓިވަލެއް ބާއްވަމުންނެވެ. މަޢުލޫމާތުލިބޭގޮތިގައި 11 މިނެޓްގެ މިޝޯގައި ސެސެމެ ސްޓްރީޓް އަދި ދި މަޕެޓްސްގެ ބައެއް ކެރެކްޓަރވެސް ފެނިގެންދާނެއެވެ.